ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނަައުމަށް ޓަކައި މިހާރު މިއޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދުގެ ކެމްޕޭން އިފުތިތާހު ކުރުމަށް އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް، ނަޝީދު ވިދާޅުވީ ރާއްޖެއާ ރިޔާސީ ނިޒާމާ ނުގުޅޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވެރިކަމުގެ މުޅިނިޒާމް ގަޑުބަޑުކުރެވެން އޮތް ކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"މިބަަދަލުތައް ގެނައުމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުން އަޅުގަނޑަށް ފުރުސަތު ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެއްނުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައިސް ނަޝީދު އިއުލާން ކުރެއްވިނަމަވެސް އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލުމުގެ ޝަރުތުހަމަވާ ބޭފުޅެއް ނޫނެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމް ގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާތީއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައި ވަނީ ރިޔާސީ ނިޒާމަކަށެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖެއަކީ އިގްތިސާދީ ގޮތުން ފުދުންތެރި އަދި ދަރަނިން ސަލާމަތް ވެފައިވާ ޖަޒީރާ ތަކަކަށް ހަދަންޖެހޭ ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުގެ އިހްތިރާމް ލިބިގެންވާ، ގައުމުތަކާއި ރަނގަޅުގުޅުމެއް ބާއްވާ ކުދި ޖަޒީރާތަކަކަށް އަޅުގަނޑުމެން ވާންޖެހޭ،" އަސްލަމް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމުގެ އުންމީދު އާވެގެން ހިނގައްޖެ ކަމަށެވެ.

"އުންމީދު އާވެއްޖެ. މި ޕާޓީގެ ރޫހު އާލާވެއްޖެ. ދިވެހީން ރައީސް ނަޝީދުގެ ނަންފުޅު އެއް އަޑަކުން ގުގުމާލައިފި،" ޝިފާ ވިދާޅުވިއެވެ.