12 May 2018, 00:10
އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު، ނިއުއިން ކާމިޔާބުކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު، ނިއުއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ނިއު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ވިކްޓަރީންވެސް މިރޭގެ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައި އޮވެގެންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނިފައިވެއެވެ. މެޗުގެ ކުރީ ކޮޅުގައި ނިއުއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު އިރު، ވިކްޓަރީން ބޭނުން ކުރަމުންދިޔައީ ކައުންޓާ އެޓޭކިން ސްޓައިލެކެވެ. އަދި މެޗުގެ ކުރީކޮޅުގައި ނިއުގެ އެޓޭކް ހުއްޓުވުމަށް ވިކްޓަރީގެ ފަހަތުން ގިނަ ފައުލްތަކެއް ކުރިކަންވެސް ފާހަގަކޮށްލެވުނެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް
މެޗުގެ 24 ވަނަ މިނެޓުގައި ވިކްޓަރީގެ ސައިމަން ތީބޯ ޖެހި ހިލޭ ޖެހުން ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއުކޮށްފައިވާ އިރު، އޭންހަލް ކަރެސްކޯ މުނޯޒްގެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަކޮޅުގައި ނިއުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތައް ފެނިފައިވާ އިރު، އަލީ ފާސިރު (ސެންޓޭ)ގެ ދެ ހަމަލާއެއް ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފައެވެ.
ނިއުއިން މެޗުގެ ލީޑު ނެގީ 35 ވަނަ މިނެޓުގައެވެ. ވިކްޓަރީގެ އޭރިއާ ތެރެއަށް ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ތިރިތިރިން ނަގައިދިން ހުރަސް، ވިކްޓަރީގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)އަށް ލިބުނު ނަމަވެސް އޭނާއަށް ސާފް ކޮށްލެވޭ ގޮތެއް ނުވިއެވެ. ޝާފީ އަތުން އެ ބޯޅަ ގެއްލުމުގެ ފައިދާނަގައި ނިއުއަށް ލީޑު ނަގައިދިނީ މުހައްމަދު އުމައިރެވެ.
ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ނިއުއިން ލީޑު ފުޅާކުރިއެވެ. ވިކްޓަރީގެ ޑިފެންޑަރު ޝާފީ ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކައިރި ކަނަށެވެ. މެޗުގެ ފުރަތަމަ ހާފް 2-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅުގައި ވިކްޓަރީން ވަނީ ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް
މެޗުގެ 55 ވަނަ މިނެޓުގައި ވިކްޓަރީގެ ފޯވަޑް އަހުމަދު ނާޝިދު (ނައްޓޭ) ފޮނުވާލި ބާރު ހަމަލާ ނިއުގެ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށް ދިޔައީ ގޯލް ލައިން ކައިރީގައިވެސް ޖެހިފައެވެ. ނައްޓޭގެ ހަމަލާއަށްފަހު ދެން ފެނިގެންދިޔައީ އަނެއްކާވެސް ނިއުގެ ތިން ހަމަލާއެކެވެ. އެގޮތުން ސެންޓޭގެ ހަމަލާ އަރިމަތިން ބޭރަށް ދިޔައިރު، ދަގަނޑޭގެ ދެ ހަމަލާވެސް މަތަކުރީ ވިކްޓަރީގެ ކީޕަރު އިމްރާނެވެ.
މެޗުގައި ނިއުއިން ޖެހި ތިންވަނަ ގޯލަކީ، މެޗުގެ 69 ވަނަ މިނެޓުގައި ދަގަނޑޭ ޖަހައިދިން ގޯލެކެވެ. ވިކްޓަރީ އޭރިއާ ބޭރުން ވަރަށް ރީތިކޮށް އޭނާ އޮޅާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައިވެސް ޖެހިފައެވެ. މެޗު ނިމެންދަނިކޮށް ވިކްޓަރީން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މެޗުގެ 88 ވަނަ މިނެޓުގައި ނާއްޓޭގެ ހުރަސް ސައިމަން ގޯލަށް ވައްދާލި ނަމަވެސް، އެޓީމަށް ނަތީޖާ އަނބުރާލުމަށް އެކަށޭނެ ވަގުތެއް ނުލިބުނެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް
މިރޭގެ މެޗުން މޮޅުވި ނިއު، މާލޭ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އޮތީ އަށް މެޗުން 16 ޕޮއިންޓާއެކުގައެވެ. މިރޭގެ މެޗުން ބަލިވި ވިކްޓަރީ ތިންވަނައިގައި އޮތީ ނުވަ މެޗުން 15 ޕޮއިންޓާއެކުގައެވެ.
މާލޭ ލީގުގެ ދެ މެޗު މާދާމާވެސް އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާ ވާދަކުރާ އިރު، މާދަމާ ރޭގެ މެޗުގައި އޮންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ވާދަކުރާ މެޗެވެ.