ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން )އެސްޓީއޯ(ގައި ހިމެނޭ އާއްމުންގެ ހިއްސާ 25 ޕަސަންޓަށް އިތުރުކުރަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އަންނަ އަހަރު ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލަން ގަސްތުކުރައްވާ ކަމުގައި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތުދެއްވަމުން ޝާހިދު މިރޭ ވިދާޅުވީ، ކުންފުނީގައި އޮތް އާއްމުންގެ 18 ޕަސަންޓް ހިއްސާ 25 ޕަސަންޓަށް އިތުރުކުރަން ބޯޑުގެ މަޝްވަރާއަށް ފަހު ނިންމާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ބޯޑުން ކަނޑައަޅާފައިވާ ގޮތުގައި އަންނަ އަހަރު ހިއްސާ ވިއްކަން ފަށާނީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި އެހެން ކުންފުނިތަކުގެ ހިއްސާ ވިކޭ މިންވަރަށް ބެލުމަށް ފަހު އެވެ.

"ބޯޑުން ނިންމައިފައި އޮތީ އަންނަ އަހަރު އިގުތިސާދީ ހާލަތު ހުރި ގޮތަކަށް އަދި އެހެން ކުންފުނިތަކުގެ ހިއްސާ ވެސް ވިކޭ ގޮތަކަށް ބަލައިފައި ހިއްސާ ވިއްކަން،" ޝާހިދު ވިދާޅުވި އެވެ.

އެސްޓީއޯ އިން އެންމެ ފަހުން އާއްމުކޮށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެސްޓީއޯ އިން ވަނީ ދެބުރަކަށް ބަހާލައިގެން ގާތްގަނޑަކަށް 13 ޕަސަންޓް ހިއްސާ އެފަހަރު ވިއްކައިފަ އެވެ. އެއީ 138،472 ހިއްސާ އެވެ. އެފަހަރު މޫނުމަތީ އަގު 50ރ. ގެ ހިއްސާއެއް ވިއްކާފައި ވަނީ 350ރ.ގެ ޕްރީމިއަމްއަކާ އެކު 400ރ. އަށެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް 118.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މޫނުމަތީ އަގު 50ރ.ގެ ހިއްސާ އަކަށް 68ރ. ވަނީ ބަހައިފަ އެވެ. ނިމިނިގެން ދިޔަ އަހަރު ހިއްސާދާރުންނަށް ފައިދާ ބެހި ހަމައެކަނި ޕަބްލިކް ކުންފުންޏަކީ ވެސް އެސްޓީއޯ އެވެ. އަދި މި އަހަރުގެ މިހާތަނަށް އެސްޓީއޯ ހިންގަމުން އަންނަނީ ވެސް ފައިދާގަ އެވެ.