ކެރިވަޑައިގަންނަވާނަމަ މިދިޔަ ފަސް އަހަރު ޕީޕީއެމްގެ ސަރުކާރުން ނުކުރާ ކަމެއް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ދައްކައި މެނިފެސްޓޯގައި ހިމެނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިދިކޮޅު ލީޑަރުންނަށް ޗެލެންޖް ކުރައްވައިފިއެވެ.

"ހެސްކިޔާފަ"ގެ ނަމުގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ދައްކާ މެނިފެސްޓޯގައި މި ސަރުކާރުން ނުކުރާ ކަމެއް ހިމެނުމަށްފަހު އެމަނިކުފާނަށް ދެއްކެވުމަށް ދަންނަވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ހުރިހާ އިދިކޮޅު ލީޑަރުންނަށް ދަންނަވާނީ މެނިފެސްޓޯގައި އާ ވާހަކައެއް ލިޔުއްވާފައި ރައީސް ޔާމީނަށް ދައްކަވާށޭ. އަޅުގަނޑުމެންނަށް އަތް ނުލެވޭ ކަމެއް އޮތިއްޔާ އެކަމެއް ލިޔުއްވާފަ ދައްކަވާށޭ،" ކާނިވާ ސަރަހައްދުގައި އެތައް ހާސް ސަޕޯޓަރުން ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ "ގެދޮރަށް މިވެނި ވަރެއް އެވެނި ވަރެއް ކުރާނަމޭ" އިދިކޮޅު ލީޑަރުން ވިދާޅުވުމަކީ އައު ވާހަކައެއް ނޫން ކަމަށެވެ.

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމަނިކުފާނު ވިދާޅުވީ މި ޒައާމަތު ނިމުމުން 15،000 ހައުސިން ޔުނިޓް ހުންނާނެ ކަމަށާއި އެއިރުން ގެދޮރުގެ ވާހަކައަކީ ބާ ވާހަކައަކަށް ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ދައުރު ނިމިގެންދާއިރު "ގެދޮރު ބޭނުންވާނެ އިތުރު ބަޔަކު ނުތިބޭނެ" ކަމަށެވެ.

"ދިވެހި ރައްޔިތުން މުއްސަނދިކުރާ ވާހަކަ ނުދައްކާ. ދިވެހިރާއްޖޭގެ އިސްތިގުލާލުގެ ވާހަަކަ ނުދައްކާ. މިނިވަން ކަރާމާތްތެރި ދައުލަތެއްގެ ވާހަކަ ނުދައްކާ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ދައުރުގައި ހާސިލު ނުކުރާ އެއްވެސް ކަމެއްގެ ވާހަަކަ ނުދެއްކޭނެ ކަމަށެވެ.

"ހަމަ އެއްވެސް ކަމެއް ނުދެއްކޭނެ،" ރައީސް ޔާމީން ވިދަޅުވިއެވެ.

"އަޅުގަނޑުގެ ކުރިމަތީގައި މިއޮތީ ބްރިޖް. މިއީ ކިތައް ބޭފުޅުންގެ ހުވަފެން ދެއްތޯ. މިއީ ކިތައް ބޭފުޅުން ރައްޔިތުންނަށް ދެއްކި ހުވަފެންތޯ. ﷲ ގެ ރަހުމަތުން ހަގީގަތަކަށް ވެގެން މިދިޔައީ،" ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއްވެސް އިރަކު އިދިކޮޅު ލީޑަރުންނާ އިސްވެ ހުންނަވައި ހަނގުރާމަ ނުކުރައްވާ ކަަމަށާއި އެމަނިކުފާނަކީ"ހަނގުރާމަ ކުރައްވާ މީހެއް ނޫން" ކަމަށެވެ.

އެމަނިކުފާނު ޗެލެންޖް ކުރައްވައި ހަނގުރާމަ ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކަމަށްވެސް، ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕޭން ފައްޓާވާފައިވާ ރައީސް ޔާމީން ވިދާޅުވިއެވެ.