ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އިދިކޮޅު ލީޑަރަކު ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ހެސްކިޔާފަ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހަގީގީ ކުރުވާހަކައިން އިބުރަތް ހާސިލް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހަގީގަތަކީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އެއްވެސް ލީޑަރަކު އިދިކޮޅުގައި ނެތް ކަމެވެ.

"އަޅުގަނޑަށް ދައްކަވާ އިދިކޮޅު ލީޑަރަކު ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ، ނުހުންނާނެ. ސިޔާސީ ލީޑަރަކު ނުހުންނާނެ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ،" ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ވެހެމުންދިޔަ ވާރޭގައި ކުރިއަށްދިޔަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނަކީ ލީޑަރުން އިސްކަމެއްދީގެން ނައްތާލަން މަސައްކަތްކުރި ކަމެއް ނަމަ ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކަށް ހުންނަންވާނީ ފިޔަވަޅު އަޅާފައި ކަމަށެވެ. އަދި އެ މައްސަލަތަކާ މެދު ފިޔަވަޅު އެޅުނުނަމަ ކޮރަޕްޝަންގެ އިތުރު އަމަލުތަކެއް ނުހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލާގައި ސަރުކާރުގެ މައްސަލައެއް ނެތްކަން ދޭހަކޮށްދެނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ މީހުން އެއްގަލަށް އަރައިގެން ސަރުކާރަށް ދަތިކުރަން ކުރި މަސައްކަތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގީ މައްސަލަ އަކީ އުސޫލުތައް ތަންފީޒު ކުރަން އުޅޭތީ ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ.

"މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި މީހުން އިތުބާރުކޮށްގެން ތިބި އަދުލުގެ ނިޒާމާއި އެހެންވެސް ނިޒާމުތައް ޚަރާބުކުރީ ކޮން ބައެއްތޯ. ފައިސާގެ ކަރަޕްޝަންގެ ނުފޫޒު. އެކަން އެނގިގެންދިޔައީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އެކިއެކި ބޭފުޅުން ދެއްކެވި ވާހަކަފުޅު،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ހިނގާފައިވާ ކޮރަޕްޝަން ތަކަށް ބަލާއިރު އިދިކޮޅު ފަރާތްތަކަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ބޮޑު ވާހަކައިގެ ތެރެއިން ދައްކަން އޮތް ވާހަކައަކީ ޑިމޮކްރަސީއާ ކޮރަޕްޝަންގެ ވާހަކަ. އެމީހުންނަކަށް ނެތް އެހެން ވާހަކަ އެއް ދެއްކޭކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރަށް ތާއީދު ކުރެއްވި ބޭފުޅުން، ތާއީދު އަނބުރާ ގެންދެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އެމަނިކުފާނު ދެންވެސް ކުރިމަތިލައްވާނީ ސިޔާސީ ލީޑަރުންނާއި ނޫން ކަމަށާއި ކުރިމަތި ލައްވާނީ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.