12 May 2018, 09:45
ސްޕެނިޝް ބަސް ދަސްކުރުމަށް ކޮލަމްބިއާގެ ސަރުކާރުން އޭޝިއާގެ ގައުމުތަކަށް ހުޅުވާލި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތުހުޅުވާލައިފިއެވެ.
ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިއީ އޭޝިއާގެ ގައުމުތަކާއި ކޮލަމްބިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ކޮލަމްބިއާއިން ފައްޓާފައިވާ އީ.އެލް.އީ އޭޝިއާގެ ސްކޮލާޝިޕްގެ ދަށުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މިއީ ސާކް ގައުމުތަކުގެ ޓުއާ ގައިޑުންނާއި، ޑިގްރީ އަދި މާސްޓާސް ކޯސްތައް ފުރިހަމަކޮށްފައިވާ މީހުންނަށް ކޮލަމްބިއާގެ ސަރުކާރުން ހުޅުވާލި ފުުރުސަތެއް ކަމަށެވެ.
ކޮލަމްބިއާ ސަރުކާރުން ސާކްގެ ގައުމުތަކަށް ހުޅުވާލާފައިވަނީ14 ސްކޯލާޝިޕެކެވެ.ހަތަރު މަސް ދުވަހުގެ އެ ކޯސް ފުރިހަމަކުރުމަށް ހަަމަޖެހިފައިވަނީ ކޮލަމްބިއާގައެވެ.
އެ ސްކޮލާޝިޕްގެ ދަށުން ހުރުމާއި، ދެކޮޅު ޓިކެޓް އަދި ޓިއުޝަން ފީ ހަމަޖައްސައިދޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު 1600 އެމެރިކާ ޑޮލަރުގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޯހަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ އަންނަ އާދިއްތަ ދުވަހު މެންދުރު 12:00 އެވެ.