11 May 2018, 21:29
ރާއްޖެއާއި ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކިޔެވުމުގެ 50 ޕަސެންޓް ފުރިހަމަކޮށްފައިވާ 35 ދަރިވަރަކަށް ކިޔެވުމުގެ ބާކީ ބައި ފުރިހަމަކުރުމަށްލޯނު ދީފިއެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ މާޗް މަހު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ހުޅުވާލިން 60 ފުރުސަތު. އެހެން ނަމަވެސް އެއަށް ކުރިމަތިލީ 35 ދަރިވަރުން. އެ ހުރިހާ ދަރިވަރުންނަށް ވަނީ ލޯނު ދީފައި،" ނަޒީރު ވިދާޅުވިއެވެ.
މާޗް މަހު ހުޅުވާލި އެ ފުރުސަތުގައި ކުރިމަތިލެވޭ ގޮތަށް އޮތީ ރާއްޖެއާއި ސާކް ގައުމުތަކުގެ އިތުރުން، މެލޭޝިއާ، ފިލިޕިންސް، ތައިލޭންޑް އަދި ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ.
މިފަހަރު ލޯނު ލިބުނު ދަރިވަރުންގެ ތެރޭގައި އެމްބީބީއެސް، އާކިޓެކްޗާ، ނާސިން، ޝަރީއާ އެންޑް ލޯ، ބިޒްނަސް، ކޮމްޕިއުޓިން އަދި ޕައިލެޓް ލައިސެންސް ފަދަ ކޯސްތައް ހަދަމުންދާ ދަރިވަރުން ހިމެނެއެވެ.
މާޗް މަހު ހަޔާ އެޑިއުކޭޝަނުން ވަނީ އަލަށް ކިޔަވަން ބޭނުންވާ 500 ދަރިވަރުންނަށް ލޯނުގެ ފުރުސަތާއި މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ކޯހަށް ހޭދަވާ 50 ޕަސެންޓް ހިލޭ ދޭ ގޮތަށް 250 ސްކޮލާޝިޕް ހުޅުވާލައިފައެވެ.