ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ދިވެހިން ބާއްވާ މާހެފުމަކީ ހަރާމްކަމެއް ނޫން ކަމަށާއި، އެކަމަށް ހުކުމެއް ނެރެން ނުޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިންތިޒާމުކޮށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރަކަށް އައިސް މާހެފުމާމެދު އެކިގޮތްގޮތަށް ދީނީ ގޮތުން ވާހަކަދެއްކި ނަމަވެސް ދީނުގައި އެއީ ހަރާމްކަމެއްގެ ގޮތުގައި އެކަން ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިން މާހެފުން ބާއްވަނީ ދީނީ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި އެކަމަށް ދީނީ ހުކުމެއް ނެރެން ނުޖެހޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓްރީން ވަނީ ރަމަޟާން މަހުގެ ތެރޭގައި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތައާރަފެއް ދީފައެވެ. އޭގެ ތެރޭގައި އާންމުންނަށް އިމްސާކިއްޔާ ބެހުމާއި، ރަމަޟާން މަހުގެ ހަނދު ބެލުމާއި، އޮފީސްތަކުގެ މާހެފުމަށް ޝެއިޚުން ހަމަޖައްސައި ދިނުމާއި، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން އިހްޔާ ފޯރަމްތައް ބޭއްވުމާއި، ކުންފުނި، ކޮލެޖް، ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުން ހިމެނެއެވެ.

އޭގެ އިތުރުން އައުޓްރީޗް ޕްރޮގްރާމްތަކާއި، މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން މުސްހަފް މާލްދީފް ބެހުން އަދި ސޯޝަލް މީޑިއާގައި ކައުންޓް ޑައުން ކުރިއަށް ގެންދިއުމުގެ އިތުރުން މިއަހަރު އަލަށް އާންމުންނަށް ހުޅުވާލައިގެން ރަމަޟާން މަހުގެ ފަހު 15ގައި ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.