04 Sep 2011, 19:07
ޑީއާރްޕީގެ އެންމެ ޝަރަފުވެރި މަގާމު ޒައީމް މައުމޫން އަބްދުލް ގައްޔޫމަށް އެރުވުނު ކަމުގައި ވިޔަސް އެޝަރަފުގެ ހަގީގީ ދައުރާއި ހައިސިއްޔަތު އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވިފައި ނުވާ ކަމަށާއި އެމަނިކުފާނަށް ނިސްބަތްވާ ޒައީމް ފެކްޝަނުން ޑީއާރްޕީއަށް ވަގުތެއް ވަސީލަތެއް ނުވާ ގޮތަށް ކުރި މަސައްކަތްތައް ރާއްޖޭގެ ސިޔާސީ ތާރީހުގައި "ލަދުވެތިކަމާއެކު" ލިޔެވޭނެ ކަމަށް ވިދާޅުވެ ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ، މައުމޫނަށް ރައްދު ދެއްވައިފި އެވެ.
މައުމޫންގެ އިސްތިއުފާގެ ސިޓީފުޅު ގަބޫލުކުރައްވައި، އެމަނިކުފާނަށް ފޮނުއްވި ޖަވާބުގައި ތަސްމީން ވިދާޅުވެފައިވަނީ، މައުމޫންގެ ސިޓީގައި ހަގީގަތާއި ހިލާފް ގިނަ ވާހަކަތަކެއް ލިޔުއްވާ، ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުން ދިފާއު ކުރެއްވުމުގެ ގޮތުން އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކުރައްވާ ގިނަ ތުހުމަތުތަކެއް އެމަނިކުފާނު ހިމަނުއްވާފައިވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
އަދި މައުމޫނަށް އެރުވި ޕާޓީގެ އެންމެ ޝަރަފުވެރި މަގާމުގެ "ހަގީގީ ދައުރާއި ހައިސިއްޔަތު" މައުމޫނަށް ގަބޫލު ކުރެއްވިފައި ނުވާކަން އެމަނިކުފާނުގެ އަމަލުތަކުން ސާބިތުވެފައިވާ ކަމަށް ވިދާޅުވެ، ތަސްމީން ވަނީ އެމަނިކުފާނަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.
"މިވޭތުވެދިޔަ ދުވަސްތަކުގައި ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޑިއާރުޕީގެ މެމްބަރުންނާއި ކައުންސިލުންނާއި ޕާޓީގެ އެހެނިހެން ގުނަވަންތަކުން ނުހަނު އިޚްލާސްތެރިކާއެކު، ނުހަނު ބުރަކޮށް މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް މަނިކުފާނަށް ނިސްބަތްވާ ގޮތަށް ވަކި ފެކްޝަނެއް އުފައްދަވައި، ޑީއާރުޕީން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ވަގުތެއް ވަސީލަތެއް ނުލިބޭނެ މަގުން މަސައްކަތްކުރައްވަމުން ގެންދެވިކަންއެއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ލަދުވެތިކަމާއެކު ލިޔެވޭނެ ވާހަކައެއްކަމުގައި ދަންނަވަމެވެ،" ތަސްމީން ވިދާޅުވެފައިވެ އެވެ.
ޑީއާރްޕީގެ ލީޑާޝިޕާ ގުޅޭ ގޮތުން މައުމޫން ދައްކަވާފައިވާ ވާހަކަތަކަށް ވަކިވަކިން ރައްދު ދެއްވާފައިވާ ސިޓީގައި ތަސްމީން ވިދާޅުވެފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވަނީ ޕާޓީގެ ކަންތައްތައް ދުވަހުން ދުވަހަށް ހިންގުމުގެ ހުރިހާ ކަމެއްގައި އިސްދައުރެއް އަދާކުރެއްވުމުގެ ފުރުސަތު ސިޔާސީ ޒައާމަތު ބަދަލުވުމުގެ ކުރިއެކޭ އެއްގޮތަށް މަނިކުފާނުގެ އަތްޕުޅުމަތީގައި ބޭއްވުމަށް ކަމަށެވެ.
"އަދި ޕާޓީގެ އަސާސީ ގަވާއިދުން އެދައުރު މަނިކުފާނަށް ލިބިވަޑައިގެންފައި ނުވާތީ އަސާސީ ގަވާއިދުން ބޭރުން ނަމަވެސް ޕާޓީގެ ތެރެއިން މަދުބަޔަކާއި ގުޅިގެން ޕާޓީއަށް ކޮންމެގޮތެއްވި ކަމުގައިވިޔަސް މަނިކުފާނު ބޭނުންފުޅުވާގޮތް ހާސިލުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާކަން އެއީ ސާބިތުވެ އެނގެންހުރި ކަންކަމެވެ." ޑީއާރްޕީގެ ލީޑަރު ވިދާޅުވެފައިވެ އެވެ.
އަދި ތަސްމީނުގެ ލީޑާޝިޕްގައި ޕާޓީގެ މުހިންމު ގުނަވަންތަކުގެ ހަރަކާތްތަކަށް ހުއްޓިފައިވާ ކަމަށް މައުމޫން ވިދާޅުވެފައިވާތީ، އެކަމަށް ތަސްމީން ދެއްވި ރައްދުގައި ވަނީ، "މަނިކުފާނު ޒައާމަތުގައި ޕާޓީގެ ކައުންސިލްގެ ޖަލްސާތައް ބާއްވަމުން ގެންދެވި ވަރަށްވުރެ ގިނައިން އަދި ގަވާއިދުން ޖަލްސާތައް ބާއްވަމުން ގެންގޮސްފައިވާނެ" ކަމަށް ވިދާޅުވެފަ އެވެ.
އަދި ޕާޓީގެ ކައުންސިލްގެ ޖަލްސާތައް ބޭއްވުމުގެ ކުރިން ވަކިގޮތެއް ނިންމައިގެން ތަސްމީން ވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވެފައިވަނީ "އޮޅުމަކުން" ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެގޮތަށް އަމަލުކުރެއްވީ މައުމޫން އަމިއްލަފުޅަށް ކަމަށް ވެސް ތަސްމީން އިޝާރާތްކުރައްވާފައިވެ އެވެ.
"އަޅުގަނޑުދާކަމަށް ވިދާޅުވެފައިއެވަނީ އޮޅުމަކުންކަމަށް ގަބޫލުކުރަމެވެ. އެއީ މަނިކުފާނުގެ ޒައާމަތުގައި ކައުންސިލްގެ ޖަލްސާތައް ބާއްވަވަމުން ގެންދެވިއިރު ޖަލްސާގެ ކުރިން އަޅުގަނޑާއި ބައްދަލުކުރައްވައި ވަކިގޮތަކަށް ކަންކަން ނިންމުމަށް ތަކުރާރުކޮށް މަސައްކަތްކުރައްވަމުން ގެންދަވާފައިވާތީ ހަމައެބީދައިން އަޅުގަނޑުވެސް ކަންކުރާނެކަމަށް ހީފުޅުކުރައްވައިގެން ލިޔުއްވާފައިވާ ވާހަކަފުޅެއް ކަމަށް ލަފާކުރެވޭތީ އެވެ." ތަސްމީން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މައުމޫން ޑީއާރްޕީ ދޫކުރައްވައި ވަޑައިގަންނަވާއިރު އަރިހުގައި ޕާޓީގެ އިތުރު މެމްބަރުންތަކެއް "ވަކިކުރައްވައިގެން ގެންދަވާކަން" އެއީ މީގެ ކުރިން ޑީއާރްޕީން ވަކިވެޑައިގެން ދިޔަ މެމްބަރުން ކުރެއްވި ފަދަ އަމަލެއް ކަމުގައި ޑީއާރުޕީގެ މެމްބަރުން ދެކޭނެ ކަމަށް ތަސްމީން ވިދާޅުވެފައިވެ އެވެ.
"މަނިކުފާނު ޑީއާރުޕީގެ ޒައާމަތުގައާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވަނިކޮށް މަނިކުފާނުގެ ޕާޓީގައި ތިއްބެވި ތިން ނާއިބު ލީޑަރުންނާއި ރައްޔިތުން މަޖިލިހުގެ ބައެއް މެމްބަރުންނާއި މަނިކުފާނުގެ ކެބިނެޓްގެ ބައެއް މެމްބަރުން ޑީއާރުޕީން ވަކިވެ އިދިކޮޅު ޕާޓީތަކާއި ގުޅިވަޑައިގެންނެވިކަމާއި ބައެއް ބޭފުޅުން އާ ސިޔާސީ ޕާޓީތައް އުފެއްދެވިކަން މިއަދު މަނިކުފާނަށް ހަނދުފުޅުކޮށް އަރުވަންޖެހުނުކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަމެވެ." ތަސްމީން ވިދާޅުވެފައިވެ އެވެ.
މައުމޫން ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އާ ޕާޓީއެއް އުފެއްދުމަށެވެ. އެ ޕާޓީއާ ގުޅުމަށް ޑީއާރްޕީގެ ކައުންސިލްގެ ބައެއް މެމްބަރުންނާއި އަދި ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ހަތް މެމްބަރުން ވަނީ މިހާރު ޑީއާރްޕީން ވަކިވެވަޑައިގެންފަ އެވެ.