11 May 2018, 22:34
ލައިންސްމަނެއް ކޮއްޕާލި މައްސަލައިގައި ތުރުކީގެ އާދާ ތުރާން 16 މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި އާދާ ތުރާން، ލޯން އެއްބަސްވުމެއްގެ ދަށުން މިހާރު ކުޅެމުންދަނީ އަމިއްލަ ގައުމުގެ ބަސަކްޝަހީރަށެވެ.
ތުރާން ކުޅެމުންދާ ބަސަކްޝަހީރާއި ސިވަޕޫރުން ތުރުކީ ލީގުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ބަސަކްޝަހީރުން ގިނަ ވަގުތު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގައި ރޮނގު ބަލަހައްޓަމުން ދިޔަ، ލައިސްމަން މޭމަތީގައި އަތް އަޅާ ކޮއްޕާލުމުން ތުރާންއަށް ރެފްރީ ސީދާ ރަތް ކާޑު ދެއްކުމުންނެވެ.
ލައިންސްމަންގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ތުރާން އޭނާ ކޮށްޕާލުމަށްފަހު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ހުތުރުބަހުން ވާހަކަދެއްކި ކަމަށްވެސް ތުރުކީގެ ފުޓްބޯޅަ އިދާރާއިން ބުނެފައިވެއެވެ.
ލައިންސްމަންގެ ގަޔަށް އަތްލުމުން ދިހަ މެޗަށް ތުރާން ސަސްޕެންޑް ކޮށްފައިވާ އިރު، އޭނާއާ ދިމާލަށް ހުތުރު ބަހުން ވާހަކަދެއްކުމުން ތިން މެޗު، އަދި ލައިންސްމަނަށް އިންޒާރު ދިނުމުން ތިން މެޗަށް އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
މީގެ އިތުރުންވެސް އުމުރުން 31 އަހަރުގެ ތުރާން ވަނީ 39،000 ލިރާއިން ޖޫރިމަނާ ކޮށްފައެވެ.
ތުރާން ބެސިކްޝަހީރަށް ބަދަލުވީ ދެ ސީޒަންގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ބެސިކްޝަހީރުން ފުރަތަމަ ފަހަރަށް ލީގު ތަށްޓަކަށް ވާދަކުރަމުންދާ އިރު، އެޓީމު އޮތީ ތިން ޕޮއިންޓްގެ ފަރަގެއްގައި ލީގުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތީ ގަލަޓަސަރާއީއެވެ.