އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވާދަކުރި މެޗުގެ ފަހު ވަގުތުގައި ގްރީނުން ޖެހި ގޯލާއެކު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ދެ ޓީމު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ގްރީނުން ނަތީޖާ ހަމަހަމަކުރީ ފަހު ހާފްގެ އިތުރު ވަގުތުގައެވެ.

މިއަދުގެ މެޗުގެ ކުރީކޮޅުގައި ޔޫވީން ވަނީ ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ފޯވަޑް ސެމިއުލް ކޯޑެލްއެވެ. އޭނާގެ ގޯލަށްފަހު ޔޫވީން ރަނގަޅަށް މެޗު ފެށި ނަމަވެސް، ފުރަތަމަ ހާފްގައިވެސް ގްރީންގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޔޫވީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ކުރީ ކޮޅުގައި ގްރީންގެ އަހުމަދު ރިލުވާނަށް ލިބުނު ހަމަލާ އޭނާ ކުރިއަށް ފޮނުވާލި ނަމަވެސް، އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ގްރީންގެ އިބްރާހީމް ޝަފްރާޒްގެ ހަމަލާއެއްވެސް ފެނިގެން ގޮސްފައިވެއެވެ. ޝަފްރާޒްގެ ބާރު ހަމަލާ ގޯލާ ދިމާލަށް ދިޔަ ނަމަވެސް ޔޫވީގެ ކީޕަރު ހަސަން ތޮލާލް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ގްރީންގެ ރޮލާންޑް ރަސެލްއަށް ލިބުނު ފުރުސަތުވެސް ތޮލާލް ސޭވް ކޮށްފައިވާ އިރު، ޔޫވީން ވެސް ވަނީ ރަނގަޅު ފުރުސަތެއް ފަހިކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލް ޖެހި، ސެމިއުލްއަށް ލިބުނު ހުސް ފުރުސަތު އޭނާ ކުރިއަށް ފޮނުވާލި ނަމަވެސް ގްރީންގެ ކީޕަރު ސާގީ ސްމޮރޮޑިން ވަނީ ކުރިއަށްޖެހި އެ ހަމަލާ ދިފާއުކޮށްފައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޔޫވީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ގްރީނުންނެވެ. ކުރިއަށް ޖެހި ގްރީނުން ކުޅެމުން ދިޔަ އިރު، ޔޫވީ ފެނިގެން ދިޔައީ ކައުންޓާ އެޓޭކަށް ވިސްނައިގެން ކުޅެމުންދިޔަ ތަނެވެ.

ގްރީނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ސޮބުލް އިލިއާ ބޮލުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހުމުގެ އިތުރުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ރިޝްވާން (ފުކޭ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.

ގްރީނުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ހިތްވަރަކަށްވީ މެޗުގެ 87 ވަނަ މިނެޓުގައި ޔޫވީގެ ޑިފެންޑަރު އަހުމަދު އަވީންއަށް ރަތް ކާޑު ދެއްކުމުންނެވެ. ރެފްރީ އޭނާއަށް ރަތްކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑަކާ އެކީގައެވެ. ކުޅުންތެރިއަކު މަދުކޮށް ޔޫވީން ކުޅެމުން ދިއުމުގެ ފައިދާ ނަގައި، ގްރީނުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި އެޓޭކް ކޮށްފައެވެ.

ފުލުފުލުގައި އެޓޭކް ކުރަމުން ދިއުމުގެ ނަތީޖާއަކަށްވީ މެޗު ނިމެންދަނިކޮށް، ގްރީނުން ނަތީޖާ ހަމަހަމަ ކުރުމެވެ. ގްރީންގެ އަރިމަތިން ކުޅެމުންދިޔަ ފުކޭ، ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލި ބޯޅަ، ޔޫވީގެ ކީޕަރު ތޮލާލް ޕަންޗުކޮށް ފޮނުވާލި ނަމަވެސް ގްރީންގެ އަބްދުﷲ މިސްބާހު ވަނީ އެ ހަމަލާގެ ރީބައުންސް ބޯޅަ، ބޮލުން ގޯލަށް ވައްދައިލައިފައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޔޫވީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ ނަތީޖާއާއެކު ޔޫވީއަށް ނުވަ މެޗުން ލިބެނީ ހަތް ޕޮއިންޓެވެ. އެޓީމު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. ކުޅުނު ނުވަ މެޗުން، ނުވަ ޕޮއިންޓާއެކު ގްރީން އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.