މީހެއްގެ ކަންފަތުގައި ތާށިވެފައި އޮތް ކަފަބުރެއް ދެ އަހަރު ފަހުން ނަގައިފިއެވެ.

އިނގިރޭސިވިލާތުގެ ލެސްޓާޝަޔާއަށް ނިސްބަތްވާ އެ މީހާގެ ކަންފަތުގައި ރިއްސާތި ކްލިނިކަކަށް ދެއްކުމުން ޑޮކްޓަރު ވަނީ އޭނާގެ ކަންފަތުގައި އޮތް ކަފަބުރެއް ނަގައިފައެވެ.

އެ މީހާއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ކަންފަތުގައި ތާށިވި މި ކަފަބުރު އަމިއްލައަށް ވެއްޓުނު ކަމަށް ހީކޮށްގެން ހުއްޓައި މޫދަށް ގޮސް އުޅެނިކޮށް ކަންފަތަށް ލޮނު އެޅި، ކަންފަތުގައި ރިއްސާ، އަޑު އިވުމުގައި ދަތިތަކެއް ދިމާވާތީ ޑޮކްޓަރަށް ދެއްކީއެވެ.

އޭނާގެ ކަންފަތް ބެއްލެވި ޑޮކްޓަރު ވިދާޅުވީ ކަންފަތުގައި ރިއްސަން ފަށާފައިވަނީ ކަފަބުރު ތެމިގެން ކަމަށެވެ.

ގާތްގަނޑަކަށް މިނެޓެއްހާއިރު ތެރޭ ކަފަބުރު ނެގުނު ކަމަށާއި ކަންފަތުގެ އިއާ ޑްރަމްއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަފަބުރުން ކަންފަތް ސާފު ކުރާއިރު ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި އެއީ ކަންފަތުގައި ހުންނަ "އިއާ ވެކްސް"ތައް އަޑިއަށް ގޮސް، ކަންފަތުގެ ތޫރިއަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބަކާރުން ވިދާޅުވެއެވެ.