04 Sep 2011, 17:40
ސްޕާތަކަށް ވިއްކަން ރާއްޖެ އެތެރެ ކުރި ބުދުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކަސްޓަމްސްގެ ޑިރެކްޓާ މުހައްމަދު މަސީހު މިއަދު ވިދާޅުވީ މެއި 17، 2011 ގައި ރާއްޖެއަށް އެތެރެ ކުރި މުދާތައް ކަސްޓަމްސް އިން ކުލިއާ ކުރަނިކޮށް ފެނުނު ބޮޑު ބުދުތައް ނައްތާލައި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކަސްޓަމްސް އިން ފުލުހުންނާ ހަވާލު ކުރި ބުދުތައް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށާއި އަދި އެ ބުދުތައް ނައްތާލާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ކަސްޓަމްސް އިން ހުށަހަޅާފައިވާތީ އެކަން ފުލުހުން ކުރިއަށް ގެންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ހިލައިން ކޮށައި މަށައިގެން ހަދާފައިވާ ބުދު އިންޑޮނޭޝިއާގެ ބާލީން ރާއްޖެ އަށް އެތެރެ ކުރީ ހޮޓެލް ސަޕްލަޔާސް އިންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަހުމަދު ވިދާޅުވެފައި ވަނީ އެ ބުދުތަކުގެ މައްސަލައަކީ "ދީނާ ގުޅޭ ކަމެއް ނަމަ މިހާރުން މިހާރަށް ވެސް އެ ބުދުތައް ތަޅައި ނައްތާލުމާ މެދު އޭނާގެ އިއުތިރާޒެއް ނެތް ކަމަށެވެ.
ފަސް ފޫޓާއި ހަތަރު ފޫޓްގެ އެ ބުދުތައް ރާއްޖެ އެތެރެ ކުރީ ބުޑިޒަމްއަށް 2600 ވަނަ އަހަރުން ފާހަގަ ކުރި ދުވަހު އެވެ. ބުޑިޒަމް އޮންނަ ގައުމުތަކުގައި ވެސަކް ޑޭގެ ނަމުން މަޝްހޫރުވެފައި އޮންނަނީ ގޯތަމް ބުއްދާގެ އުފަންދުވަހާއި މަރުވި ދުވަހުގެ ގޮތުގަ އެވެ.