11 May 2018, 17:00
ލޮލުގެ ސިއްހީ ހާލަތު ގޯސްވެ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެވަނަ ޑޮކްޓަރަކު ލަފާ ދެއްވާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
އަދީބުގެ ލޮލުގެ ފެނުން ދަށްވެ ގްލޮކޮމާ ޖެހިފައިވާ ކަމަށް މީގެ ކުރިންވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އަދީބުގެ ލޮލުގެ ފެނުން އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުން ދާތީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު މީގެ ކުރިންވެސް ލަފާ ދެއްވިއެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ 'ސަން' އަށް ވިދާޅުވީ ލޮލުގެ ފެނުން ދަށްވަމުން ދާތީ ށަކުވާ ކުރާތާ އެތައް ދުވަހެއް ފަހުން ނިމުނު ހަފްތާފައި ދޫނިދޫއަށް ލޮލުގެ ޑޮކްޓަރަކު ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
" ވީހާވެސް އަވަހަށް ރާއްޖޭން ބޭރަށް ގޮސް ގްލޮކޮމާ ސްޕެޝަލިސްޓަކަށް އަދީބު ދައްކަން ދޫނިދޫއަށް ގޮސް އަދީބު ބެލި ޑޮކްޓަރު ވަނީ ލަފާ ދެއްވާފައި،" ނަޝްވާ ވިދާޅުވިއެވެ.
ނަޝްވާ ވިދާޅުވީ އެއީ އެގޮތަށް ލަފާދެއްވި ދެވަނަ ޑޮކްޓަރު ކަމަށާއި އެހެންވީމަ ރާއްޖޭން ބޭރަށް އަދީބު ބޭސްފަރުވާއަށް ފޮނުވުމަށް ކަރެކްޝަނުން ދެކޮޅު ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަދީބުގެ ލޮލުގެ ހާލަތު ގޯސްވެ އެކަށީގެންވާ ބެސްފަރުވާ ނުދޭ ކަމަށް ބުނެ ސިވިލް ކޯޓަށް އަދީބުގެ ފަރާތުން ހުށަހެޅި މައްސަލަ މިދިއަ ހަފްތާގައި ވަނީ ބޭރުކޮށްލައިފައެވެ. މައްސަލަ ބޭރުކޮށްލީ އިޖުރާއަތުތައް ފުރިހަމަ ނުކުރާ ކަމަށް ބުނެއެވެ.
އަދީބުގެ ވަކީލުން ބުނާ ގޮތުން ސިވިލް ކޯޓުން ފާހަގަކުރި އިޖުރާއަތުތަކަކީ ކަރެކްޝަނަލް ސާވިސްއިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ކަމަށެވެ. އެއީ އައިޖީއެމްއެޗްގެ މެޑިކަލް ބޯޑަށް ހުށަހަޅައިގެން ކަރެކްޝަނުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެންވީމަ ކަރެކްޝަނުން ފާޅުގައި އަދީބުގެ ބޭސްފަރުވާއަށް އިހުމާލުވަމުން ދާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.