11 May 2018, 15:20
ޖަލަށް ލާފައިވާ މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމަށް މާފުދެއްވަން، އެގައުމުގެ ރަސްގެފާނު ނިންމަވާފައިވާ ކަމަށް މެލޭޝިއާގެ އާ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކުރިން މަހާތީރުގެ ވެރިކަމުގައި އޭނާއަށް ފަހު އެގައުމުގެ މުސްތަގްބަލުގެ ލީޑަރުގެ ގޮތުގައި އޭރު ބެލެވުނު އަންވަރު ފުރަތަމަ ފަހަރަށް ޖަލަށް ލެވުނީ، އެ ވެރިކަމުގައެވެ. އޭރު މަހާތީރުގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ އަންވަރު ޖަލަށްލީ އެއްޖިންސުން ގުޅުން ހިންގުމާއި ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ.
އެހެން ނަމަވެސް، އިދިކޮޅު ކޯލިޝަނެއް ހައްދަވައި އެންމެ ފަހުން މެލޭޝިއާގައި ނިމިގެންދިޔަ އިންތިޚާބު ކާމިޔާބުކުރައްވައި، އުމުރުފުޅުން 92 އަހަރުގެ މަހާތީރު ދެވަނަ ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިތުމުގެ ކުރީން ވެވަޑައިގެންފައިވާ އެއް ވައުދަކީ، އަންވަރު މިނިވަންކުރެއްވުމެވެ. އަދި ދެތިން އަހަރެއްގެ ތެރޭގައި އަންވަރަށް ބޮޑުވަޒީރުކަން ހަވާލުކުރައްވާނޭކަމުގެ އިޝާރާތެއްވެސް މަހާތީރުވަނީ ކުރައްވައިފައެވެ.
މެލޭޝިއާގެ އިންތިޚާބުގެ ތާރީޚީ ކާމިޔާބީއަށް ފަހު މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މަހާތީރު ވިދާޅުވީ، "ރަސްގެފާނު ވަނީ، ދާތޯ ސެރީ އަންވަރަށް ވަރަށް އަވަހަށް ޝަރަފާއެކު މައާފު ދެއްވާނޭ ކަމުގެ އިޝާރާތެއް ދެއްވާފައި" ކަމަށެވެ.
މަހާތީރު ވިދާޅުވީ، ރަސްގެފާނު ނިންމަވާފައި ވަނީ، އަންވަރަށް ހަމައެކަނި މައާފުދެއްވަން ނޫން ކަމަށާއި އަދި އޭނާ ވަގުތުން މިނިވަންކޮށް، ޝަރަފުވެރިކަމާއެކު އަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތުވެސް ލިބިގެން ދާނޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަން "ޕަކަތާން ހަރަޕާން"ގެ ލީޑަރެއްގެ ގޮތުގައި މަހާތީރު ދެވަނަ ފަހަރަށް މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމާއެކު އޭނާ ކުރިން ވެރިކަމަށް ވަޑައިގެންނެވި ބަރިސާން ނޭޝަނަލް (ބީއެން) ކޯލިޝަނަށް ވަނީ 60 އަހަރަށް ފަހު އެގައުމުގެ ބާރުތައް ގެއްލިފައެވެ.
ކުރިން މަހާތީރާއި އަންވަރަކީ ބަރިސާންގެ އެންމެ އިސްސަފުގައި ވަރަށް ގާތްކޮށް ހަރަކާތްތެރިވ ދެބޭފުޅުންނެވެ. އަދި އެ ދެބޭފުޅުންގެ އެކުވެރިކަމަށް ބުރޫއެރި ހާދިސާތަކަކީ މެލޭޝިއާގެ ސިޔާސީ ހަޔާތުގައި ވަރަށް ތާރީޚީ ވާހަކަތަކެކެވެ.
އަންވަރު ފުރަތަމަ މަގާމުން ދުރުކުރީ، 1998 ވަނަ އަހަރު އޭރު މަހާތީރުގެ ވެރިކަމުގައި ބަރިސާން އިންތިހާދުގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރޭން، ސަރުކާރާ ދެކޮޅަށް ކުރި ބިޔަ މުޒާހަރާއާ އެކުއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނެ އަންވަރު ވަނީ ޖަލަށް ލައިފައެވެ. އެއަށްފަހު، 2000 ވަނަ އަހަރު އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލައެއްގައި އަންވަރުގެ މައްޗަށް އިތުރު ނުވަ އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ.
އަންވަރުގެ މައްޗަށް އޭރު އިއްވާފައިވާ ހުކުމް، ބަދަލުވެ 2004 ވަނަ އަހަރު އޭނާ ޖަލުން ދޫކޮށްލުމުން، އަލުން އިދިކޮޅު އިއްތިހާދެއް އުފައްދަވައި، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އަންވަރު ވަނީ އެގައުމުގެ އާންމު އިންތިޚާބުގައި ވާދަކޮށްފައެވެ. އެހެން ނަމަވެސް ކާމިޔާބީއާ ހަމައަށް ވާސިލެއް ނުވެވުނެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން، ސްޓޭޓް އިލެކްޝަންގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރައްވައިފާނޭ ކަމަށް ބެލެވިފައި ވަނިކޮށް، އޭރުގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުވަނީ، އަންވަރު އަލުން ޖަލަށް ލައްވައިފައެވެ.
މިއަހަރުގެ ކުރީކޮޅުން ފެށިގެން މެލޭޝިއާގެ ސިޔާސީ މަޝްރަހަށް އައި ކުއްލި ހަލަބޮލިކަމާއެކު މަހާތީރު ވަނީ، އަލުން ސިޔާސީ މައިދާނަށް ނުކުންނަވާނޭ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ.
އޭނާ ވިދާޅުވީ، ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގެ ކޮރަޕްޝަންގެ ކަންތަކާހުރި "ބޯފަޅައިގެންދާވަރު" ވެވަޑައިގެންފި ކަމަށެވެ.
އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އަންވަރު ވަނީ، އޭނާ މިނިވަން ކުރުމަށް އެއްބަސްވެ، އޭނާގެ ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން މަހާތީރު އުފެއްދެވި އިދިކޮޅު އިއްތިހާދަށް ދެއްވައިފައެވެ.
އަންވަރަށް ރަސްގެފާނު މައާފުދެއްވާނީ ކޮން އިރަކުން ކަމެއް އަދި ހާމައެއް ނުކުރައްވައެވެ. ހަމަ އެއާއެކު މަހާތީރު އޭނާގެ ސަޕޯޓަރުންނަށް ވިދާޅުވެފައި ވަނީ، އަންވަރަށް ބޮޑުވަޒީރުކަން ހަވާލުކުރެއްވުމަށް އަދި "ދިގުމުއްދަތެއް ހޭދަވެދާނެ" ކަމަށެވެ.
މަހާތީރާއި އަންވަރު ގުޅިވަޑައިގެން، ޕަކަތާން ހަރަޕާން ކޯލިޝަނުން މެލޭޝިއާގެ އިންތިޚާބު ކާމިޔާބުކުރެއްވި އިރު، އިންތިޚާބުގައި 13 ގޮޑި ކާމިޔާބުކުރި މަހާތީރުގެ "މެލޭޝިއަން ޔުނައިޓެޑް އިންޑީޖިނަސް ޕާޓީ" ޕާޓީއަކީ އަންވަރުގެ "ޕީޕަލްސް ޖަސްޓިސް ޕާޓީ"އާ އަޅައިބަލާއިރު ވަރަށް ކުޑަ ޕާޓީއެކެވެ. އަންވަރުގެ ޕާޓީން ވަނީ މިފަހަރުގެ އިންތިޚާބުގައި 47 ގޮނޑި ކާމިޔާބުކޮށްފައެވެ. އެޕާޓީގެ ރައީސަކީ އަންވަރުގެ އަނބިކަނބަލުން އަޒީޒާ އިސްމާއީލްއެވެ.
މެލޭޝިޔާގެ އިންތިޚާބުގައި މަހާތީރުގެ އިދިކޮޅު އިއްތިހާދުން ވަނީ ޕާލަމެންޓުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބުކޮށްފައެވެ.