11 May 2018, 10:37
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ ފިލްމުޝަމްޝޭރާގައި ބޮލީވުޑްގެ ބަތަލު ސަންޖޭދަތު ފެނިގެންދާނީ ވިލަން (ނުބައި ބައި މީހެއް)ގެ ރޯލުން ކަމަށް އެ ޓީމުން ބުނެފިއެވެ.
ސަންޖޭ ފިލްމަށް ސޮއިކޮށްފައިވާކަން ޓީމުން ވަނީ މިހާރު ކަށަވަރުކޮށްދީފައެވެ. ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށައި އަންނަ އަހަރުގެ މެދު ތެރޭ ހިސާބަށް ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށް ޓީމުން އިއުލާންކުރި ނަމަވެސް ފިލްމުގައި ހަރަކާތްތެރިވާނެ އަންހެން ލީޑެއް ހާމަކޮށްފައެއް ނުވެއެވެ.
ސަންޖޭ ނުބައި މީހެއްގެ ރޯލުން ފެނިގެންދާއިރު ފިލްމުގެ ޕޯސްޓަރުގައި ރަންބީރު ވެސް ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ފިލްމުގައި އޭނާ ފެނިގެންދާނީ ފޭރޭ މީހެއްގެ ރޯލުންނެވެ. އެކްޝަން/އެޑްވެންޗަރ އެ ފިލްމަކީ ކަރަން މަލްހޯތްރާ ޑައިރެކްޓްކުރާ ފިލްމެކެވެ.
ރަންބީރު އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމު "ސަންޖޫ" އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.