04 Sep 2011, 16:51
ފުވައްމުލަކު ދެ ސަރަހައްދެއް ފަޅު ރަށެއްގެ ގޮތުގައި ރައީސް ނަޝީދު ކަނޑައެޅުއްވީ ބަނގުރާ ވިއްކުމަށް ކަމަށް އަދާލަތު ޕާޓީން ތުހުމަތުކޮށްފި އެވެ.
ފުވައްމުލަކު ތަރައްގީގައި ސާކްގެ ހިއްސާ މި ނަމުގައި ފުވައްމުކަލު "ބިޅިފޭށި" ސަރަޙައްދާއި "ތޫނޑު" ސަރަހައްދު ފަޅުރަށެއްގެ ގޮތުގައި މިދިޔަ ހުކުރު ދުވަހު ރައީސް ނަޝީދު ކަނޑައަޅުއްވުމާ ގުޅިގެން އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އިސް ތަރުޖަމާނު ޝެއިހު މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ވަކި ސަރަހައްދަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ "ރޭވުމެއްގެ" ދަށުން ބަނގުރާ ވިއްކުމަށް ކުރި ކަމެއް ކަމަށެވެ. އަދި ސީޓީ ހޮޓަލާއި އެއާޕޯޓް އެޅުމަށްޓަކައި ކޮންމެހެން ބަނގުރާ ވިއްކަން ނުޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީއަށް އަދާލަތު ޕާޓީ ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް ބަނގުރަލާ އެކު ވިއްކައިގެން ތަރައްގީ ގެއްނަން އުޅޭ ނަމަ އަދާލަތުން އެކަމާ ދެކޮޅު ހަދާނެ ކަމަށެވެ.
"ފުވައްމުލަކުގެ ތަރައްގީ އާއި ތަހުޒީބައްޓަކައި އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމަކީ އަޅުގަނޑުމެއް އެއްގޮތަކަށް ވެސް އިދިކޮޅު ހަދާކަމެއް ނޫން. ހަދާ ކޮންމެ ހޮޓަލެއްގައި ރާ ވިއްކާކަށް ނުޖެހޭ. ފުވައްމުލަކުގެ ތެރޭގައި ފަޅުރައްތަކެއް އިއުލާން ކުރުން އެއީ ވަރަށް ކޮސް ކަމެއްގެ ގޮތުގައި އަޅުގަނޑުމެއްނަށް ވިސްނެނީ. އެކަން އަދާލަތު ޕާޓީގެ ފަރާތުން މާނަ ކުރަނީ ވަރަށް މޮޔަކަމެއްގެ ގޮތުގައި. އަދި ރާއްޖޭގެ ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ނުކުރުމުގެ ސިޔާސަތެއް ކަމަށް." އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ކަނޑެއެޅި ދެ ފަޅުރަށުގައި ބަނގުރާ ވިއްކާ ނަމަ އެކަމާ ދެކޮޅަށް ފުވައްމުލަކުގެ ރައްޔިތުން ތެދުވުމަށް ޝަހީމް ގޮވާލެއްވެވި އެވެ. އަދި އެކަމާ ދެކޮޅަށް އަދާލަތުން ތެދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަމުންދަނީ ހަގީގީ އިދިކޮޅު ފަރާތްތަކެއް ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ދެމީހުން "އެއްކޮށް ނޫޅެވިގެން" ވަކިވެގެން މައުމޫން އާ ސިޔާސީ ޕާޓީއެއް ހެދުމަކީ "ވަރަށް ރަނގަޅު" ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީއަކީ ތަސައްރަފު ފުރިފައިވާ ވިސްނުމުގެ ގޮތުން ގާތް ޕާޓީއަކަށް ވާނަމަ، އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެއްކޮށް ނޫޅެވޭނެ ދެން އޮންނާނީ ވަކިވުން.. އާ ހަޔާތެއް ފަށައިގެން ކުރިއަށް ދެވޭ ނަމަ އެއީ ވަރަށް ރަގަނޅު ކަމެއް.. އާ ޕާޓީއެއް އުފެދިގެން އެ ޕާޓީއަކީ ވެސް ތަސައްރަފު ފުދޭ ރަނގަޅު ޕާޓީއަކަށް ވެއްޖެ ކަމުގައި ވަނީ ނަމަ ސިޔާސީ ގޮތުން މި ގައުމު ބިނަމެއް ނުކުރެވޭނެ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމެއް ނެތިއެއް. އެހެންވީމަ އަޅުގަނޑުމެންނާ ފިކުރީ ގޮތުންނާއި ވިސްނުމުގެ ގޮތުން ގާތް ފަރިތަ ވިސްނުންތަކާ ގާތް ވުމުގެ ވުމުގެ ވިސްނުމެއް މި ޕާޓީގައި އަބަދު ވެސް އޮންނާނެ،" މައުމޫން އަލަށް ހައްދަވަން އުޅުއްވާ ޕާޓީއަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވި އެވެ.