11 May 2018, 10:06
އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ވާދަކުރާ މެޗު މިރޭ އޮންނާނެއެވެ. އެ ދެޓީމު ފުރުތަމަ ބުރުގައި ވާދަކުރި މެޗުން ވިކްޓަރީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ފުރަތަމަ ބުރުގައި ނިއު ބަލިވި ހަމައެކަނި މެޗެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ވިކްޓަރީގެ ތަޖުރިބާކާރު ކޯޗު، ލާޒްލޯ ކިސް ބުނީ ނިއުއާ ކުރިމަތިލާ އިރު، ހަނދާން ވަނީ މީގެ 15 ވަރަކަށް އަހަރު ކުރީގެ ވާހަކަތަކެއް ކަމަށާއި، އޭރު ސަޕޯޓަރުންގެ ފޯރި އިންތިހާ ކަމަށެވެ. އަދި މިހާރު ސަޕޯޓަރުން ނުވަންނަކަމީ ހިތާމަ ކުރާ ކަމެއް ކަމަށާއި، ނިއުގެ ކުރިމަތިލުމަކީ ވަރުގަދަ ކުރިމަތިލުމެއް ކަމަށްވެސް ކިސް ބުންޏެވެ.
"ނިއު މެޗު އުނދަގޫވާނެ. ވަރަށް ވަރުގަދަ ކުރިމަތިލުމެއް މިއީ. ހަނދާން އެބަހުރި މީގެ 15 ވަރަކަށް އަހަރު ކުރިން ނިއުއާ ވިކްޓަރީގެ ކުރިމަތިލުންތައް. މުޅި ސްޓޭޑިއަމް ފުލްކޮށް އޮތީ. މިއަދު ވަރަށް ދެރަ. އެހެން ވާންވި ގޮތެއް ނޭނގެ،" ކިސް ބުންޏެވެ.
ކިސް ބުނީ ނިއުގެ މުޅި ޓީމަކީ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށާއި، ހާއްސަކޮށް އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުރުމަކީ ނިއުއަށް ލިބޭނެ ބޯނަހެއް ކަމަށެވެ.
"ނިއު ރޭޑިއަންޓްގެ ފުރަތަަމަ 11އިން ގޮސް ބެންޗުގައިވެސް ތިބީ މުޅިން ގައުމީ ޓީމުގެ ކުޅުންތެރިން. އަދި އެއާއެކު ދަގަނޑޭވެސް ހުރީ އެޓީމުގައި. ވިކްޓަރީގައި ނެތް ގައުމީ ޓީމުގެ ކުޅުންތެރިއެއް. ދަގަނޑޭއާ ސެންޓޭ އެންމެފަހުން އޭއެފްސީ ކަޕްގައިވެސް ވަރަށް މޮޅަށް ކުޅުނު،" ކިސް ބުންޏެވެ.
ކިސް އިތުރަށް ބުނީ މިރޭގެ މެޗަށް ނުކުންނަ އިރު، ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ސަސްޕެންޝަނާއި އަނިޔާގައި ތިބުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
"ޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޑިފެންޑަރުންގެ މައްސަލަ. ޝާފީއާއި ޕަކޯ (ޑިފެންޑަރު)ވެސް ނުކުޅޭނެ. ޝާފީ އިންޖަރީގައި. ޕަކޯ ކާޑު ހަަމަވެފައި. ވިކްޓަރީގެ ބެންޗުގައި ނެތް ރަނގަޅު ބަދަލެއް. އާއްމުކޮށް 15 ވަރަކަށް މިނެޓް މި ކުޅެނީ އެހެން އަރުވާ ކުޅުންތެރިން. ހުރިހާ މެޗަކަށް ކޮންސިސްޓެންޓް ނުވެވޭނެ،" ކިސް ފާހަގަކުރިއެވެ.
ކިސް އިތުރަށް ބުނީ އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ރަނގަޅު މަގާމެއްގައި ވިކްޓަރީ އޮތުމަކީ ލިބޭނެ ހިތްވަރެއް ކަމަށާއި، ޓީމު އޮތީ ރަނގަޅު ކޮންފިޑެންސެއްގައި ކަމަށެވެ.
ނިއުއާއި ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.