10 May 2018, 23:40
މިދިޔަ އޭޕްރީލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ރިޕޯޓްގައިވާގޮތުން މިދިޔަ އޭޕްރިލް މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ލިބުނު 1.1 ބިލިއަން ރުފިޔާއަށްވުރެ 2.8 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 47.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން ބުނީ، މިދިޔަ މަހު މީރާގެ އާމްދަނީ އިތުރުވާން ދިމާވި ސަބަބަކީ، ޖީއެސްޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުން ކަމަށާއި ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތިރުވުން ކަމަށެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 64 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން ލިބުނީ އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އެވެ. އެއީ ޖުމްލަ އާމްދަނީގެ 13 ޕަސެންޓެވެ.
މިދިޔަ އޭޕްރިލްމަހުގެ އާމްދަނީއާއެކު، މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ މީރާ މެދުވެރިކޮށް ދައުލަތަށް ބަލައިގަނެފައިވާކަމަށް މީރާގެ ރިޕޯޓުން ދައްކައެވެ.