10 May 2018, 23:14
"ޖަމާލުއްދީން ދާލަ" އިގެ ނަމުގައި އައުޓްޑޯ ކްލާސްރޫމެއް ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވައިފިއެވެ.
ޖަމާލުއްދީން ސްކޫލުގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކްލާސްރޫމްތައް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ތައާރަފްކުރި ކްލާސްރޫމްތަކަކީ އާންމުކޮށް ރާއްޖޭގައި ހުންނަ އެހެން ކްލާސްރޫމްތަކާ ވަރަށް ތަފާތު ކްލާސްރޫމްތަކެއް ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގައި އައުޓްޑޯ ކްލާސްރޫމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ޖަމާލުއްދީން ސްކޫލް
"މިހާރު ހުންނަ ސްކޫލުތައް މިހުންނަނީ ބެދިފައި. އެހެން ނަމަވެސް މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމްތައް މިހުންނަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައި. މިތާ އެބައިނދޭ ކުޑަ ޕޮންޑެއްވެސް، ދެން މިތަނުގެ މަތީގައި ކުޑަ ބަގީޗާއެއް ވެސް އިންނާނެ އޭގެ އިތުރުން މިތާނގެ ބޭރުގައި ބޮޑު ގަހެއްވެސް އިންނާނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.
މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމްގައި ދަރިވަރުން އިށީނުމަށް ތިން ބެންޗަކާއި ޓީޗަރަށް ކުޑަ އުނދޯއްޔެއް ހުރެެއެވެ. އަދި އެ ތަނުގެ ވަށައިގެން ވެސް، އިށީނދެވޭނެ ގޮތަށް ބެންޗު ހަދާފައި ވެއެވެ.

ޖަމާލުއްދީން ސްކޫލުގައި އައުޓްޑޯ ކްލާސްރޫމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ޖަމާލުއްދީން ސްކޫލް
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ މިއަދު ހުޅުވި ކްލާސްރޫމަށް ލައްކައެއްހާ ރުފިޔާ ހަރަދުވި ކަމަށާއި އަދި އެ ކްލާސްރޫމްތައް ހެދީ ބެލެނިވެރިންނާއި އަދި ސްކޫލުގެ މެނޭޖްމަންޓުން ގުޅިގެން ކަމަށެވެ.