04 Sep 2011, 16:30
މުޖުތަމައު އަށް ނުރައްކާތެރި މީހުންގެ ތެރޭ ފުލުހުން ފާހަގަކޮށްފައިވާ މއ. ނައިޓް ވިލާ އިބްރާހިމް އަބުދުﷲ (ގައްބަރޭ) އާއި ހުކުމް ތަންފީޒު ކުރަމުން އަންނަ ސ. ފޭދޫ ފޮލޮރިޑާ މުހައްމަދު ފަސީހު ބޭސްފަރުވާއަށް އިންޑިޔާއަށް ގޮސް އުޅެނިކޮށް ޓްރެވިންޑްރަމްގެ ޖަލަށް ލައިފި އެވެ.
ދިވެހިންތަކެއް އޮވާ ސްޓޭވެ، ހައްޔަރުކޮށްގެން އުޅޭ ކަމަށް މަލިޔާޅަމް ބަހުން އިންޑިޔާގައި ނިކުންނަ ނޫހެއްގައި ވެސް ޖަހާފައިވާ ކަމަށް އިންޑިއާ އިން ސަން އަށް ވާހަކަ ދެއްކި ބައެއް ދިވެހިން ބުންޏެވެ. އަދި އެ މީހުން ބުނެފައި ވަނީ އޯވާސްޓޭ ވެގެން ފޮޓޯ ޖަހާފައިވާ މީހުންގެ ތެރޭގައި ފަސީހު އާއި ގައްބަރޭ ހިމެނޭ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދިވެހިންގެ ހަތަރު މީހަކު އޯވާ ސްޓޭ ވެގެން ޓްރެވިން ޑްރަމްގެ ޖަލަށް ލާފައިވާ ކަމުގެ މައުލޫމާތު އެމިނިސްޓްރީ އަށް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އިންޑިޔާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އޯވާސްޓޭވެގެން ދިވެހިންތަކެއް އިންޑިޔާގެ ޖަލަށް ލާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް އޭނާ ވެސް ވިދާޅެއް ނުވެ އެވެ.
ޑީޕީއާރުއެސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަސީހު އިންޑިޔާގެ ޓްރެވިންޑްރަމަށް ދިޔައީ ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގައި ކަމަށާއި އެޑޮކިއުމަންޓްގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށެވެ. ފަސީހުއަކީ 2003 ވަނަ އަހަރުގެ ސެޕްޓެންބަރުގައި ޖަލުގައި ބަޑިޖެހި ހާދިސާގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.
މާރާމާރީއެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުރި ގައްބަރޭ ފުލުހުންގެ ހުއްދައާ އެކު އިންޑިޔާއަށް ގޮސްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅެވެ.