10 May 2018, 21:08
މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރިން ކުރެއްވި މަހާތީރު މުހައްމަދު މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.
ބޮޑުވަޒީރުކަމާ މަހާތީރު ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ އުމުރުފުޅުން 92 އަހަރެވެ. އެހެންކަމުން އެމަނިކުފާނު ވެގެން ދާނީ ޑިމޮކްރެޓިކް އިންތިހާބަކުން ވެރިކަމަށް ވަޑިއިގެންނެވި އެންމެ ދުވަސްވީ ބޭފުޅާއަށެވެ.
މަހާތީރު ވަނީ މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމު 1981 ން 2003 އަށް ފުރުއްވައިފައެވެ. އެއަށް ފަހު ރިޓާޔާ ކުރެއްވުމަށްފަހުވެސް މަހާތީރު ވެރިކަމަށް އަނބުރާ ވަޑައިގެންނެވީ މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރާ ވާދަކުރެއްވުމުގެ ގޮތުންނެވެ.
މަހާތީރުގެ ވެރިކަމުގައި މެލޭޝިއާއިން ވަނީ އިގްތިސާދީ ގޮތުން ބޮޑު ކާމިޔާބީތަކެއް ހޯދައިފައެވެ.
މަހާތީރު ކުރިން ހުންނެވީ ބަރީސާން ނެޝެނަލް ޕާޓީގައެވެ. މެލޭޝިއާގެ ބޮޑުވަޒީރު ކަމުގައި ކުރިން ހުންނެވި ނަޖީބް ރައްޒާގް ވެސް ވެސް ނިސްބަތްވަނީ ހަމަ އެޕާޓީއަށެެވެ. ނަމަވެސް މިފަހަރު އިންތިހާބުގައި މަހާތީރު ވާދަކުރެއްވީ އިދިކޮޅު ޕަކަތާން ހަރަޕާން ޕާޓީއާ ގުޅިގެންނެވެ. މަހާތީރު ވިދާޅުވީ އޭނާ ކުރިން ހުންނެވި ބަރީސާން ޕާޓީ ކޮރަޕްޝަނުން ފޯވެފައިވާ ކަމަށާއި އެހެންކަމުން އެޕާޓީގައި ދެމިހުންނެވުމަކީ ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުންނަވާނީ އެންމެ ދެ އަހަރު ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފައެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން ނަޖީބް އުފެއްދެވި އިންވެސްޓްމަންޓް ފަންޑަކަށް 100 މިލިއަން ޑޮލަރު ވަތް މައްސަލަ ކުރިން ވަރަށް ބޮޑަށް ހޫނުވިއެވެ. އެ މައްސަލައިގައި ނަޖީބު ވިދާޅުވީ އެ ފައިސާއަކީ ސައުދީއަރަބިއްޔާގެ ލީޑަރުން އޭނާއަށް ދެއްވި ހަދިޔާއެއް ކަމަށެވެ.