ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ރައީސަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މެންބަރު ނިހާން މިއަދު "ސަން" އަށް ވިދާޅުވީ ތިމާގެ މީހަކަސް ނައިބު ރައީސަކަސް ކޮރަޕްޝަނުގެ އަމަލެއް ހިންގައިފިނަމަ ގާނޫނު އެމީހަކާ އަރާހަމަަކުރަން ދެން ދޫކޮށްލައްވައިގެން ހުންނެވި ފުރަތަމަ ރައީސަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީންގެ ނަން ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެން ދާނެކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަަތް ފުޅާދާއިރާއެއްގަަައި މި ދިވެހި ރާއްޖޭގެ އެއްވެސް ވެރިއަކު ކުރައްވާފައި ވާނަމަ އެވެރިއަކީ ރައީސް ޔާމީން،" މެންބަރު ނިހާން ވިދާޅުވިއެވެ.

މެލޭޝިޔާގައި އިއްޔެ ނިމިގެންދިޔަ އިންތިޚާބާ ގުޅޭގޮތުން އިދިކޮޅު ފަރާތް ތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ނިހާން ވިދާޅުވީ މެލޭޝިޔާގައި ހިނގައިދިޔަ އެއްވެސް ކަމަކާ ރާއްޖޭގައި ހިނގަމުން ދާކަމަކާ ގުޅުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށެވެ.

ނިހާން މިހެން ވިދާޅުވެފައިވީ ނަމަވެސް ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަަޑައި ގަންނަވާނޭ ކަމަށެވެ. އަދި މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށްވެސް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.