10:00


ރޭގައި ބޭއްވި ޑރ. ޒާކިރު ނައިކުގެ ދަރުސްގައި ސުވާލާއި ޖަވާބަށް ހުޅުވާލި ފުރުސަތުގައި މީހަކު އޭނާ އަކީ ދިވެއްސެއް ކަމަށް ބުނެ އަމިއްލައަށް ތަޢާރަފްވެ އޭނާ އަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނެ އެކަމުގައި އޭނާ އަށް އޮތް ހުކުމަކީ ކޮބައިތޯ ބެލުމަށް ސުވާލުކުރި މީހަކަށް ހަމަލާދޭން ބަޔަކު އެވަގުތު މަސައްކަތް ކޮށްފި އެވެ.


އެމީހާގެ ސުވާލުތަކަށް ޒާކިރު ނައިކު ޖަވާބު ދެއްވުމަށްފަހު އިތުރު ސުވާލުތަކަށް ޖަވާބުދެއްވަނިކޮށް، އެތަނުގައި ތިބި ބަޔަކު ވަނީ އޭނާ އަށް ހަމަލާދޭން މަސައްކަތްކޮށް އެމީހާ މަރާލުމަށް ގޮވާލައިފައެވެ. އެވަގުތު ފުލުހުން ވަނީ އޭނާ އަށް ހިމާޔަތްދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އެ މީހާ އާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް. އަދި އެމައްސަލަ މިހާރު ވާނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް އަހުމަދުﷲ ވިދާޅުވި އެވެ. އަހުމަދުﷲ ވިދާޅުވީ އެމީހާގެ އެ އަމަލަކީ ގައުމަށް އަދި އިސްލާމީ މުޅި މުޖްތަމަޢަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންގެ ސަމާލު ކަމަށް ގެނެސް އެކަން ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ތަހްގީގު ކުރަމުން ދާ ކަމަށް ބުނެ ފުލުހުންގެ އޮފިޝަލު އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އަދި މިހާރު އެމީހާ ހުރި ތަނެއް ވެސް ހާމަކޮށްފައެއްނުވެ އެވެ.