10 May 2018, 15:31
ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ވޯޓުދޭ ނަމަ އެ ވޯޓު ހައްގުވަނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ އިންތިހާބުގައި ބޮޑުވަޒީރު ނަޖީބު ރަޒާކު ބަލިކޮށް ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝިއަލް މީޑިއާގައި އުފާ ފާޅު ކުރަމުންނެވެ.
މެލޭޝިއާގެ ރައްޔުތުން ކޮރަޕްޝަނަށް ނޫނެކޭ ބުނެފި ކަމަށް ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ދިވެހިން ވޯޓެއްދޭ ނަމަ ރައީސް ޔާމީނަށް އެވޯޓު ހައްގު ކަމަށެވެ.
"ކައިރި މީހެއްތޯ ދުރު މީހެއްތޯ ނުބަލާ ކޮރަޕްޓްވި ކޮންމެ މީހަކާ ހަމައަށް ގާނޫނު އަރާ ހަމަކުރުމަށް ފުރުސަތު ދެއްވި ފުރަތަމަ ރައީސް އަކީ ރައީސް ޔާމީން،" ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ނިހާން ވިދާޅުވީ މެލޭޝިއާ ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ވޯޓު ދިނުމަކީ އުފާވެރި ހަބަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް ރައީސް ޔާމީން ހޮއްވަވަން ވީވެސް ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
މެލޭޝިއާގެ އިންތިހާބާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސޯޝިއަލް މީޑިއާގައި އެވާހަކަ ދައްކާތީ ނިހާން ވަނީ "މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ހޮވުނީ ދިވެއްސެއްތޯ؟" ސުވާލުކުރައްވައިފަ އެވެ.