10 May 2018, 14:53
މޯލްޑިވް ގޭހުން ވިއްކާ 10 ކިލޯގެ ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ނުވަތަ ކައްކާ ގޭސްފުޅީގެ އަގު، ރަމަޟާން މަހާ ދިމާކޮށް ހެޔޮކޮށްފިއެވެ.
މޯލްޑިވް ގޭސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ މިހާރު 200 ރުފިޔާއަށް ވިއްކާ 10 ކިލޯގެ ގޭސްފުޅި، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސް ރިމެންދެން ވިއްކާނީ 50 ރުފިޔާ ހެޔޮކޮށް ކަމަށެވެ.
އެހެންކަމުން ރޯދަމަހު މޯލްޑިވް ގޭހުން 10 ކިލޯގެ ގޭސްފުޅިއެއް ވިއްކާނެ އަގަކީ 150 ރުފިޔާއެވެ.
މައުމޫން ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށްވެސް އަގުހެޔޮ ކުރި ރޭޓްގައި ގޭސް ލިބޭނެ ކަމަށެވެ.
އެގޮތުން އަތޮޅުތަކަށް ގޭސް ފޯރުކޮށްދޭ އެޖެންޓުންނަށް ގޭސް ވިއްކާނީ އެޖެންޓުންނަށް ގޭސް ފޯރުކޮށްދޭ އަގުގައި ކަމަށާއި ކަސްޓަމަރުންނަށް ގޭސް ވިއްކާއިރު އެޖެންޓުންވެސް ވިއްކަންޖެހޭނީ 50 ރުފިޔާ ހެޔޮކޮށެވެ.
އަދި ކުރީގެ ސްޓޮކެއް އެޖެންޓުން އަތުގައި ހުރި ނަމަވެސް 50 ރުފިޔާ ހެޔޮކޮށް ވިއްކުމަށްފަހު ބަދަލު ހޯދުމަށްޓަކައި މޯލްޑިވް ގޭހަށް ހުށަހެޅުމުން، ކަސްޓަމަރުންގެ ކިބައިން މައުލޫމާތު ކަށަވަރުކުރުމަށްފަހު އޭޖެންޓުންނަށް ފައިސާ ރީއިމްބާސް ކުރާނެކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.
"250 ރުފިޔާއަށް ގޭސް ވިއްކާ ރަށެއް ނަމަ ރޯދަމަހު ގޭސް ގަންނަން ލިބެން ޖެހޭނެ އަގަކީ 200 ރުފިޔާ. އަގުހެޔޮ ރޭޓްގައި ގޭސް ނުލިބޭނަމަ އަޅުގަނޑުމެންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ،" މޯލްޑިވްސް ގޭހުގެ މާކެޓިންގް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެވެ.
ގޭސް އަގުހެޔޮ ކުރީ ރޯދަމަހަކީ ގޭހަށް އޮންނަ ޑިމާންޑް އިތުރުވާ މަހަކަށްވެފައި، އެހެން ހަރަދުތައް ވެސް ބޮޑު މަހަކަށް ވުމުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އިނާޔަތެއް ދިނުމަށް ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.
މޯލްޑިވް ގޭހުން ގޭހުގެ އަގު ހެޔޮކޮށްފައި ވާއިރު، ވިލާ ގޭހުންވެސް މިއަދު ވަނީ އެކުންފުނިން ވިއްކާ 10 ކިލޯގެ ލިކުއިޑް ޕެޓްރޯލިއަމް ގޭހު އަގުންވެސް 50 ރުފިޔާ ހެޔޮކޮށްފައެވެ.