މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ 21 ސްކޯލާޝިޕަކަށް ކުރިމަތިލުމަށްހުޅުވާލައިފިއެވެ.

ޑިޕާޓަމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގައި، ޔޫސީއެސްއައި ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ ބެޗެލާސް ޑިގްރީގެ 14 ސްކޯލާޝިޕަކާއި އަދި ފަސް މާސްޓާސް ޑިގްރީ ސްކޯލާޝިޕްގެ އިތުރުން ދެ ޕީއެޗްޑީ ސްކޯލާޝިޕްއަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ކޯސްތަކަށް ދަރިވަރުން ހޮވުމުގައި ލޯނު އެހީ ލިބިފައިވާ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށެވެ.

ހުޅުވާލި ކޯސްތަކުގެ ތެރެއިން ބެޗެލާޒް ޑިގްރީއަށް ކުރިމަތިލުމުގެ ޝަރުުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލްއިން ފަސް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. އަދި މާސްޓާސްކޯހަށް ކުރިމަތިލާއިރު ބެޗެލާސް ޑިގްރީއެއް އޮތުމާއި އަދި ޕީއެޗްޑީ ކޯހަށް ނަމަ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުންޝަރުތުތަކުގެތެރޭގައި ހިމެނެއެވެ.

އެ ކޯސްތަކަށް ހޮވުމުގައި ލޯނު ލިބިފައިވާ ދަރިވަރުން ފިޔަވައި ދެން ކުރިމަތިލާ ދަރިވަރުންގެ ތެރެއިންް ބެޗެލަރސް ޑިގްރީ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ ދަރިވަރަކަށް ކޯސްފީ ހިލޭ ދޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

އޭގެ އިތުރުން، ބެޗެލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ކޯސްތަކަށް ހޮވޭ ދަރިވަރުންގެ 25 ޕަސެންޓް ކޯސް ފީ ހިލޭ ލިބޭނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ޔޫސީއެސްއައިއިން ބުނީ އެ ސްކީމުގެ ދަށުން ހުޅުވާލާފައިވާ ދެ ޕީ.އެޗް.ޑީ ފުރުޞަތަކީ ދިވެހިރާއްޖޭގައި ހަޔާ އެޑިއުކޭޝަން ފޯރުކޮށްދެއްވާ އިންސްޓިޓިއުޓްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.

ޔޫސީއެސްއައި ޔުނިވާސިޓީގައި މިއުޒިކް، އިންޖިނިއަރިން، ބިޒްނަސް، މެޑިސިން، އެޕްލައިޑް ސައިންސާސް، ޑިޒައިން އަދި ޓޫރިޒަމްއާއި ލިބަރަލް އާޓްސްގެ ދާއިރާގެ ގިނަ ކޯސްތަކެއް ދަނީ ކިޔަވައިދެމުންނެވެ. އޭގެ ތެރެއިން ކޮންމެ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ވަނީހުޅުވާލައިފައެވެ.

އެސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކޯސްފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.

ހުޅުވާލި ކޯސްތަކަށްއެޕްލިކޭޝަން ފޯމްހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވާ އާދިއްތަ ދުވަހުގެ 13:30 އެވެ.