މ. އަތޮޅު މަޑުވައްރީ ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ބައަކަށް ކިނބޫ ކަށިގަނޑެއް ފެނިއްޖެ އެވެ.

ކިނބޫ ކަށިގަނޑު ފެނުނު، މަޑުއްވަރީ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ހަ ފޫޓު ހުންނަ ވަރުގެ ކިނބޫ ކަށިގަނޑު ފެނުނީ އީދު ދުވަހު ބޮޑުވެއްޔަށް ދަތުރު ގޮސް އުޅެނިކޮށް ރާޅު ޖަހާ ފަށުން ކަމަށެވެ.

އޭނާ އަދި ބުނީ ކިނބޫ ކަށިގަނޑު ފެނުނު އިރު އެ ސޮރުގެ ބޮލާއި އަތުގައި މަސް ހުރި ކަމަށާއި އަދި ކޮންމެ ވެސް ވަރަކަށް ނުބައި ވަސް ވެސް ދުވި ކަމަށެވެ.

ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ ކިނބޫ ކަށިގަނޑު މިހާރު މަޑުއްވަރިއަށް ގެންގޮސްފައިވާ ކަމަށާއި އަދި ކަމާ ބެހޭ ފަރާތަށް އެ ކަށިގަނޑު ހަވާލުކުރަން ބޭނުން ނުވާ ކަމަށް ވެސް ކަށިގަނޑު ފެނުނު މީހާ ސަން އާ ވާހަކަ ދައްކަމުން ބުންޏެވެ.

"އަޅުގަނޑު އޭތި ބާއްވާނީ ކޮޓަރީގައި ބިއްލޫރި ފޮށްޓަކަށް ލާފައި. ބޭނުންމެއްނުވޭ އެއްވެސް ފަރާތަކަށް އޭތި ދޭކަށް،" ކިނބޫ ކަށިގަނޑު ފެނުނު މީހާ ބުންޏެވެ.

މިއަހަރު ކުރީ ކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ޖެނުއަރީ މަހު ތެރޭގައި ތ. ބުރުނީ ކުރެދިފަލުން ކިނބުލެއް ފެނިފައިވާ އިރު އެ އަތޮޅު ވިލުފުށީ ކައިރީގައި އޮންނަ ހޮނޑެލިފުށި ކިޔާ ފަޅުރަށަކުން ވެސް ވަނީ ކިނބުލެއް ފެނިފަ އެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހު ވަނީ ޅ. ނައިފަރު މަސްދޯންޏެއްގެ މީހުން ވެސް ކިނބުލެއް ހިފާފަ އެވެ.

އަދި މާޗް މަހު ތެރޭ ތ. ވިލުފުށީ ފަޅުތެރެ އިން ކިނބޫ ބައިގަނޑެއް ވަނީ ފެނިފަ އެވެ.