އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމުން ޗެލްސީގެ ތިން ރެކޯޑެއް މުގުރާލައިފިއެވެ.

ލީގު ޗެމްޕިއަންކަން ޔަގީންވެ، މިހާރު ލީގު ތަށިވެސް އުފުލާލައިފައިވާ ސިޓީން ރޭ މުގުރާލައިފައިވާ ތިން ރެކޯޑަކީ އެއް ސީޒަނެއްގައި ލީގުގެ އެންމެ ގިނަ މެޗުން މޮޅުވި ޓީމުގެ ރެކޯޑާއި، އެންމެ ގިނަ ޕޮއިންޓާއެކު ލީގު ނިންމާލި ޓީމުގެ ރެކޯޑުގެ އިތުރުން ލީގުގައި އެންމެ ގިނައިން އެއް ސީޒަނެއްގައި ގޯލް ޖެހި ޓީމުގެ ރެކޯޑެވެ.

މިހާތަނަށް ލީގުގައި ސިޓީން ކުޅުނު 37 މެޗުން އެޓީމު ވަނީ 97 ޕޮއިންޓް ހޯދައިފައެވެ. މީގެ ކުރިން އެންމެ ގިނަ ޕޮއިންޓާއެކު ލީގު ސީޒަނެއް ނިންމާލުމުގެ ރެކޯޑު ޗެލްސީ އަތުގައި އޮތީ 05-2004 ވަނަ އަހަރުގެ ލީގު، 95 ޕޮއިންޓާއެކު ނަގައިގެންނެވެ.

މިހާތަނަށް ލީގުގައި ސިޓީން 105 ގޯލް ޖަހާފައިވާ އިރު، އެ ރެކޯޑު ކުރިން ޗެލްސީ އަތުގައި އޮތީ 10-2009 ވަނަ އަހަރުގެ ސީޒަންގައި 102 ގޯލާއެކު ސީޒަން ނިންމާލައިގެންނެވެ.

ލީގު ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ މޮޅު ހޯދި ޓީމެއްގެ ގޮތުގައި ކުރިން ޗެލްސީ އޮތީ މިދިޔަ ސީޒަންގެ ލީގުގައި ހޯދި 30 މޮޅާއެކުގައެވެ. ރޭގެ މެޗުން މޮޅުވެ ސިޓީން ވަނީ މިއަހަރުގެ ލީގުގައި 31 މޮޅު ހޯދައިފައެވެ.

ސިޓީއާއި ބްރައިންޓަން ރޭ ކުޅުނު މެޗުގެ ތެރެއިން: މިސީޒަން ނިންމާލުމަށްފަހު ސިޓީ ދޫކޮށްލާނެ ކަމަށް ބުނެފައިވާ ޔާޔާ ޓޫރޭ ރޭގެ މެޗުގައި ފެނިފައިވޭ --- ފޮޓޯ/ އޭޕީ

މިސީޒަންގެ ލީގުގައި ސިޓީއަށް އަދި ބާކީ މެޗެއް އޮތް އިރު، ރެކޯޑުތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް 100 ޕޮއިންޓާއެކު ލީގު ނިންމާލުމަށް ސިޓީން ބޭނުންވާ ކަމަށްވެސް ރޭގެ މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފައެވެ.

ސްޕެއިންގެ ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. ސިޓީއާއެކު ހޭދަކުރި ފުރަތަމަ ސީޒަން ގާޑިއޯލާ ހުސްއަތާ ނިންމާލި ނަމަވެސް މިސީޒަންގައި އޭނާ ވަނީ ލީގު ކަޕާއި ލީގުވެސް ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި ސިޓީން ބްރައިޓަން ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ގޯލްތައް ޖަހައިދިނީ މިސީޒަންގައި ޓީމާ ގުޅުނު ޑެނީލޯގެ އިތުރުން ބާނާޑޯ ސިލްވާ އަދި މިޑްފީލްޑަރު ފެނާންޑީނިއޯއެވެ. ބްރައިޓަންއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލިއެނާޑޯ އުޖޯއާއެވެ.