10 May 2018, 15:01
ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިން ވިޔަފާރި އުސޫލުން ބައިތިއްބޭނީ ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ކަމަށާއި އެނޫންތަންތަނުގައި ވިޔަފާރީގެ އުސޫލުން ފަތުރުވެރިން ނުބޭތިއްބުމަށް ޓުއަރިޒަމް މިނިސްޓްރީން އެދެފި އެވެ.
އެ މިނިސްޓްރީ އިން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ ޓުއަރިޒަމް އާ ބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިން ބައިތިއްބާ ތަންތަން ހިންގަން ވާނީ ވެސް އެ މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ.
މިހާރަކަށް އައިސް ރަޖިސްޓްރީނުކުރާ ތަންތަނުގައި ވިޔަފާރީގެ ޢުސޫލުން ޓޫރިސްޓުން ބައިތިއްބާކަމުގެ ރިޕޯޓް ލިބެމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭކަމަށް އެ އިއުލާނުގައިވެ އެވެ.
"މިފަދަ ތަންތަން ހިންގަން ވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެތަނެއް ރަޖިސްޓްރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިމިނިސްޓްރީ އިން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައިކަމުގައި ދެންނެވީމެވެ." ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އިއުލާނުގައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަތުގެ މާޗްގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން 129 ރިސޯޓާއި 10 ހޮޓެލް އަދި 467 ގެސްޓްހައުސް އާއި 141 ސަފާރީ ހިންގަ އެވެ.