މި ފެށޭ ރަމަޟާން މަހާ ދިމާކޮށް ހަދިޔާއެއްގެ ގޮތުގައި ލ. ދަނބިދޫގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝަރީފު "ސަން"އަށް ވިދާޅުވީ ދަނބިދޫގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ މެންދުރު 14:00ގައި ކައުންސިލުން މަސްދަޅު ދޫކުރަށް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކޮންމެ ގޭބިސީއަކުން ވެސް މަސްދަޅުކޭހާ ހަވާލުވުމަށް އެއިދާރާއަށް އަންނަ ފަރާތުގެ އައިޑީކާޑު ގެންނަންޖެހޭ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ވިސްނިން ރޯދަ އިނާޔަތަށް ދޭން އެންމެ ރަނގަޅުވާނީ ކޯއްޗެތޯ. އެގޮތުން ހުރިހާ ގެއަކުންވެސް އެންމެ ގިނައިން ބޭނުންވާނީ މަސްދަޅު. ހެދިކާ ހެދުމަށް ވެސް. އެ ހުރިހާ ކަމަކަށް ވިސްނާފައި މަސްދަޅު ކޭސްދޭން ނިންމީ،" އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެކި ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ އިނާޔަތްތަކާއި ހަދިޔާތައް ރައްޔިތުންނަށް ދެމުންނެވެ. ދަނބިދޫގައި ކޮންމެ ގޭބީސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދޭއިރު ރ. އުނގޫފާރުގެ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓުގެ ޚަރަދުތައް، އެރަށު ކައުންސިލުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.