ފާއިތުވި 2017 ވަނަ އަހަރު ރާއްޖޭގެ ކުންފުނިތަކުން މަސްކިރުވި މިންވަރު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 42 ޕަސެންޓް އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރާވާފައިވާ ކަމަށެވެ. މަސްކިރުވި މިންވަރު އިތުރުވެ 76.6 ހާސް މެޓްރިކްޓަނުގެ މަސް މިދިޔަ އަހަރު ކިރުވާފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެއެވެ.

އެ ރިޕޯޓުގައިވާގޮތުން މަސްކިރުވި މިންވަރު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ކަޅުބިލަމަސް ކިރުވި މިންވަރު ވަރަށް ބޮޑުތަން އިތުރުވުމާ ގުޅިގެންނެވެ. ކަންނެލި ކިރުވި މިންވަރުވެސް ކޮންމެވެސް ވަރަކަށް އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ވެއެވެ.

ކުންފުނިތަކުން ކިރުވި މަހުގެ 98 ޕަސެންޓަކީ ކަޅުބިލަމަހާއި ކަންނެލިމަސް ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކަނޑުމަހުގެ އަގުބޮޑު ބާވަތެއް ކަމުގައިވާ ލޯބޮޑު ކަންނެލި ކިރުވި މިންވަރު ނިސްބަތުން މަދުވެފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކުންފުނިތަކުން ތާޒާ އަދި ފިނިކުރި ކަޅުބިލަމަސް ގަނެފައިވާ އަގު އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު، އަހަރުގެ ފަހުކޮޅު ބޮޑުކޮށްފައިވާ ކަމަށާއި ވިއްސާރަ މޫސުމާ ގުޅިގެން އަހަރުގެ މެދުތެރޭ މަސް ކިރުވި މިންވަރު މަދުވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން އެކްސްޕޯޓްކުރި ކަނޑުމަހުގެ ބާވަތްތައް އިތުރުވެފައިވާ ކަމަށާއި އެއާއެކު މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ސިނާއަތަށް ވެސް ކުރިއެރުން ލިބިފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2016 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ 55 ޕަސެންޓް އިތުރުވެފައެވެ.

ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ ގަނޑުކުރި ކަޅުބިލަމަހާއި ގަ ނޑުކުރި ކަންނެލި އެކްސްޕޯޓް ކުރި ވަރު އިތުރުވުމާ ގުޅިގެން ކަމަށާއި މިދިޔަ އަހަރު ދަޅުގައި ބަންދުކުރި އަދި ޕެކެޓްކުރި ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު ވެސް އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.