10 May 2018, 13:17
ގުދުސް (މޭ 10): އިސްރާއީލުން ހިފާފައިވާ ސީރިއާގެ ގޯލާން ހައިޓްސްއަށް އީރާނުން ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އިސްރާއީލް އަސްކަރިއްޔާ އިން ބުނެފި އެވެ.
އިސްރާއީލް ސިފައިން ބުނި ގޮތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ގޯލާންއަށް 20 ވަރަކަށް ރޮކެޓު ފޮނުވައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ރޮކެޓުތައް ވައްޓާލާފައިވާ ކަމަށާއި އެހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލްގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ވަނީ އެހަމަލާތަކާ ގުޅިގެން ސީރިއާގައި ހުންނަ އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާތައް ދީފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ރޭ ދިން ހަމަލާތައް އީރާނުގެ ހަތިޔާރު ރައްކާ ކުރާ ގުދަންތަކަށާއި ޖާސޫސީ މަރުކަޒުތަކަށް އަމާޒު ކުރި ކަމަށް އައިޑީއެފްއިން ބުންޏެވެ.
އެދެ ގައުމުގެ މެދުގައި ހަމަލާތައް ބަދަލުކުރި ކަމަށް ފުރަތަމަ ހަބަރު ފެތުރުނީ، އިސްރާއީލުން ސީރިއާގެ އަސްކަރިއްޔާގެ އަމާޒުތަކަށް ހަމަލާދިން ކަމަށް ސީރިއާގެ ސަނާ ނޫހުން ރިޕޯޓު ކުރުމުންނެވެ. އެނޫހުގައިވާ ގޮތުން އިސްރާއީލުން ފޮނުވި ދެ މިސައިލް ސީރިއާ އަސްކަރިއްޔާ އިން ވަނީ ވައްޓާލައިފަ އެވެ. އަދި އެ ހާދިސާގައި މަރުވީ ދެ މީހެކެވެ.
ނަމަވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި އިސްރާއީލުގެ ހަމަލާތައް އަމާޒު ކުރީ އީރާނުގެ އަސްކަރިއްޔާއަށް ނިސްބަތްވާ، ހަތިޔާރު ރައްކާ ކުރާ ގުދަނަކަށެވެ. އަދި އެހަމަލާގައި 15 މީހަކު މަރުވި ކަމަށާއި އޭގެ ތެރޭގައި އީރާނުގެ ސިފައިން ހިމެނުނު ކަމަށްވެސް އެއޮބްޒަވޭޓަރީން ބުންޏެވެ.
އީރާނުން ދަނީ ސީރިއާ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކަށް އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އީރާނުގެ އަސްކަރިއްޔާ އިން ދަނީ ސީރިއާގައި ބާރުގަދަ ކުރަމުންނެވެ. އެހެންކަމުން އެގައުމަށް އެ ފުރުސަތު ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފަ އެވެ. (ބީބީސީ)