ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ އޮސްޓްރޭލިޔާގެ ހަ އެތުލީޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮކިޕުލޯ )އޮކީ( ޓްވިން ފިން ގެ ޗެމްޕިއަންކަން އިއްޔެ ހޯދާ ގްރޭންޑް ފައިނަލަށް ދަތުރުކޮށްފި އެވެ.

ޓްވިން ފިންގެ ޗެމްޕިއަންކަން އޮކީ ހޯދީ ދުނިޔޭގެ ލޯންގް ބޯޑް ޗެމްޕިއަން އޮސްޓްރޭލިއާގެ ޖޯޝް ކޮންސްޓަބަލްގެ މައްޗަށް ކުރި ހޯދުމަށްފަހު އެވެ. ޓްވިން ފިން ކާމިޔާބު ކުރުމާއެކު އޮކީ އަށް ވަނީ ގްރޭންޑް ފައިނަލުން ވެސް ޖާގަ ލިބިފަ އެވެ.

ގްރޭންޑް ފައިނަލުގައި އޮކީ އާއި ވާދަކުރާނީ ތުރަސްޓާގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރި އެކެވެ. އޮކީއަށް މިހާތަނަށް 9،000 ޑޮލަރު ލިބިފައި ވެއެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު އޮކީ ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ލިބެމުންދާ ކާމިޔާބީތަކާއި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ލިބުނު ކާމިޔާބީތަކާއި މި ހިތްގައިމު މާހައުލާ މެދު ވަރަށް ހިތްހަމަ ޖެހޭ. ވަރަށް އުފާވެރި އިހްސާސްތަކެއް މިހާރު ކުރެވެނީ. ސެމީގައި ފަޔަށް އަނިޔާ ލިބުނު ނަމަވެސް ތުރަސްޓާއަށް ފިޓްވާނެ ކަމަށް އުންމީދުކުރަން." އުމުރުން 46 އަހަރުގެ ރާޅާއެޅުންތެރިޔާ އޮކީ ބުންޏެވެ.

ގްރޭންޑް ފައިނަލު ކާމިޔާބުކުރާ ރާޅާއެޅުންތެރިޔާއަށް ޓްރޮފީއާއެކު 10،000 ޑޮލަރު ލިބޭއިރު ދެވަނައަށް ދާ ރާޅާ އެޅުންތެރިޔާ އަށް 3،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ގްރޭންޑް ފައިނަލު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.