10 May 2018, 11:59
ކުއަލަލަމްޕޫރު (މޭ 10): މެލޭޝިއާގައި އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުން ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމުން، ގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ނިންމަވާނީ އެ ގައުމުގެ ރަސްގެފާނު ކަމަށް ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.
ނަޖީބު އެފަދައިން ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ މިއަދު ދެއްވި ތަގުރީރެއްގަ އެވެ.
"ރައްޔިތުންގެ ނިންމުން އަޅުގަނޑު ގަބޫލުކުރަން... ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައި ނުވުމުން، ބޮޑުވަޒީރަށް ވާނީ ކާކުކަން ނިންމާނީ ރަސްގެފާނު،" ނަޖީބު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިސްކޮށް ހުންނެވި އިދިކޮޅު ކޯލިޝަން، ޕަކަރަން ހަރަޕަން އިން ވަނީ، 222 ގޮޑީގެ މަޖިލީހުގެ 113 ގޮނޑި އެވެ. އަދި ވެރިކަން ކުރާ ބަރިސަން ނެޝަނަލް (ބީއެން) ކޯލިޝަނަށް ލިބުނީ 76 ގޮނޑި އެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 112 ގޮނޑި އެވެ.
އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަމުން އިއްޔެ މަހާތިރު ވަނީ މިއަދު ބޮޑުވަޒީރުކަމުގެ ހުވާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑުވަޒީރު ނަޖީބު މިއަދު ދެއްވި ތަގުރީރާ ގުޅިގެން މަހާތިރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި، މިއަދު އާ ސަރުކާރު އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އުމުރުން 92 އަހަރުގެ މަހާތިރު ވަނީ މީގެ ކުރިން ވެރިކަން ކުރާ މައި ޕާޓީ، ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އުމްނޯ)ގެ މެމްބަރެއްގެ ގޮތުގައި މެލޭޝިއާގެ ވެރިކަން 22 އަހަރު ކުރައްވައިފަ އެވެ. ނަމަވެސް ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތު ކުރެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން މަހަތީރު ވަނީ އުމްނޯ އިން ވަކިވެވަޑައިގެން ނަޖީބު ބަލިކުރުމަށް ޓަކައި އަލުން ސިޔާސީ މައިދާނަށް ނުކުންނަވައިފަ އެވެ.
މަހާތިރު ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފި ނަމަ އޭނާ ވާނީ އިންތިހާބެއް ކާމިޔާބު ކުރައްވައިގެން ގައުމުގެ ލީޑަރަކަށްވެވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ލީޑަރަށެވެ. (ރޮއިޓާސް)