10 May 2018, 12:06
ވާސޯ (މޭ 10): ޕޮލެންޑުގައި 12 ޓަނުގެ ޗޮކްލެޓާ އެކު ދަތުރުކުރަމުން ދިޔަ ޓްރަކެއް އިއްޔެ ފުރޮޅާލުމުގެ ސަބަބުން އެގައުމުގެ ހައިވޭއެއް ބަންދު ކުރަން ޖެހިއްޖެ އެވެ.
ޕޮލެންޑުގެ ޓީވީއެން24 ނޫހުން ބުނި ގޮތުގައި އެއުޅަނދު ފުރޮޅާލީ މަގުމަތީގައި ހުރި ސޭފްޓީ ބެރިއަރެއްގައި ޖެހުމުންނެވެ. އަދި އޭގެއިން މަގުމައްޗަށް ޗޮކްލެޓު އެޅި، ބޮޑު ސަރަހައްދަކަށް ފެތުރުމުގެ ސަބަބުން ވެރިރަށް ވާސޯ އާއި ޕޯޒްނަން ގުޅުވައިދޭ ހަތަރު ލޭނެއް ބަންދު ކުރަން ޖެހުނެވެ.

ޕޮލެންޑުގެ ހައިވޭއެއް މައްޗަށް ދިޔާ ޗޮކްލެޓު އެޅިފައި -- ފޮޓޯ: އޭޕީ
އަދި ހައިވޭ ހޫނުވުމުގެ ސަބަބުން ޗޮކްލެޓު މަގުމަތީ ތަތްތެޅުނު ކަމަށާއި ޗޮކްލެޓު ސާފުކުރީ ފަޔާފައިޓަރުން ގޮސް ހޫނު ފެން ޖަހައިގެން ކަމަށް އެނޫހުން ބުންޏެވެ.
އެ ހާދިސާގައި ޓްރަކް ދުއްވަން އިން މީހާއަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށާއި އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް އޮފިސަރު މާލިނާ ކުކައުކާ ވަނީ ޕޮލެންޑުގެ ހައިވޭތަކުގައި އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެހާދިސާއަކީ ދިޔާ ޗޮކްލެޓު ހައިވޭއެއްގެ މައްޗަށް އެޅުމުގެ ސަބަބުން މަގު ބަންދު ކުރަން ޖެހުނު ފުރަތަމަ ފަހަރުކަން އޮފިސަރު ފާހަގަ ކުރެއްވި އެވެ.