04 Sep 2011, 15:31
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް، އައު ސިޔާސީ ޕާޓީއެއް އުފައްދަވަނީއެވެ. ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލިސްޓަށް އަނެއްކާ ވެސް ނަމެއް އިތުރު ވަނީއެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައު ޕާޓީއެއް އިތުރު ވާ އިރު، ފާހަގަ ކޮށްލަން ޖެހޭ އެއް ކަމަކީ، ރަޖިސްޓްރީ ވެފައި ވާ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ގިނައީ އަޑެއްބަޑެއް ނީވޭ ޕާޓީތައް ކަމެވެ. ރަޖިސްޓްރީ ކުރި އިރު ތިން ހާސް މީހުން ހަމަ ވިޔަސް، ގިނަ ޕާޓީތަކުގައި މިހާރު ތިން ހާސް މީހުން ހަމައެއް ނުވެއެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން މި ޕާޓީތަކަށް ވެސް ބައި އަޅަން ޖެހެއެވެ. މި ސަބަބާ ހެދި، ސިޔާސީ ޕާޓީތަކުގެ ލިސްޓަށް، ޕާޓީއެއް އިތުރު ވުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކެއެވެ. އެހެން ނަމަވެސް ރައީސް މައުމޫނު އުފައްދަވާ ޕާޓީއަކީ، ސިޔާސީ ހަރަކާތެއް ނެތި، ނަމެއްގައި އޮންނާނެ ޕާޓީއެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ކައުންސިލްތަކުގެ އިންތިހާބުތަކުގެ ނަތީޖާއަށް ބަލައިލުމުން، ދިވެހީންގެ ސިޔާސީ ފިކުރު ހުރި ގޮތް ރަނގަޅަށް ވަޒަން ކުރެވެއެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެ ސިޔާސީ މަސްރަހުގައި ވެސް ފާހަގަ ކުރެވޭ އޮތީ، ބޮޑު ދެ ޕާޓީއެކެވެ. އެމް.ޑީ.ޕީ އާއި ޑީ.އާރު.ޕީއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، "މައުމޫނާ ދެކޮޅު ޕާޓީ" އާއި "މައުމޫން ޕާޓީ" އެވެ. އައު އެހެން ޕާޓީއަކަށް މި ސަފުން ޖާގައެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް އަލަށް އުފެދިގެން އަޔަސް، ރައީސް މައުމޫން އުފައްދަވާ ޕާޓީ ވެގެން ދާނީ "މައުމޫން ޕާޓީ" އަށެވެ. މި ހިސާބުން "މައުމޫން ޕާޓީ"ގެ ގޮތުގައި، ކުރީން ޑީ.އާރު.ޕީ އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. ރައީސް މައުމޫނުގެ ދައުރުގައި ރައްޔިތުންނަށް ލިބިފައި ވާ އެއްވެސް ތަރައްގީއެއް، މި ހިސާބުން ފެށިގެން ޑީ.އާރު.ޕީ އަކަށް ނިސްބަތެއް ނުކުރެވޭނެއެވެ. އަލަށް އުފެދުނު ކަމުގައި ވިޔަސް، މައުމޫނުގެ 30 އަހަރުގައި، ގައުމަށް ގެނެސްދެވިފައި ވާނަމަ ވާ ހުރިހައި ކުރިއެރުމެއްގެ ކުރެޑިޓް ލިބޭނީ ހަމަ "މައުމޫން ޕާޓީ"އަށެވެ. ހަމަ މި އުސޫލުން، މައުމޫނުގެ 30 އަހަރުގެ ތެރޭގައި، މީހަކަށް ނުވަތަ ބަޔަކަށް ދެރައެއް ލިބިފައި ވާ ނަމަ، އެކަމަކަށް ވެސް، ދެން ޑީ.އާރު.ޕީން ޒިންމާ ވާކަށެއް ނުޖެހޭނެއެވެ. މައުމޫނުގެ 30 އަހަރުގެ ހިދުމަތްތަކަކީ ޑީ.އާރު.ޕީގެ ހިދުމަތްތަކެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން އަންނަ ފަދައިން، މައުމޫނުގެ ވެރިކަމުގައި ހެދިފައި ވާ ނަމަ ވާ ގޯހެއްގެ ބަދުނާމުން ވެސް ޑީ.އާރު.ޕީ ސަލާމަތް ވީއެވެ. ހަމަ މިއާ އެކު "މައުމޫނާ ވާދަވެރި ޕާޓީ"ތަކުގެ ލިސްޓަށް ޑީ.އާރު.ޕީގެ ނަން އެރީއެވެ.
ކޮންމެ ކަމެއްގައި ވެސް ފައިދާ އާއި ގެއްލުން ހިމެނޭ ފަދައިން، ޑީ.އާރު.ޕީއަށް ވެސް މިކަމުގައި ފައިދާ އާއި ގެއްލުން އެބަ އޮތެވެ. މައުމޫނުގެ ވެރިކަމުގެ 30 އަހަރު، އެއީ މި ގައުމުގެ މާޒީކަމަށް ބަލައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ދެން އިތުރަށް އެއްވެސް ހައިސިއްޔަތެއްގައި މައުމޫން ފެންނަން ބޭނުންނުވާ، އަދި ހަމަ މިއާއެކު، މިއަދުގެ ސަރުކާރާ މެދު ވެސް ހިތްހަމަ ނުޖެހޭ ފަރާތްތަކަށް ޑީ.އާރު.ޕީ ވެގެންދާނީ އެންމެ ކަމުދާ ޕްލެޓްފޯމަށެވެ. އެހެން ކަމުން މިފަދަ ފަރާތްތަކުން ޑީ.އާރު.ޕީއާ ގުޅުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އެހެން ނަމަވެސް ޑީ.އާރު.ޕީއަކީ "މައުމޫން ޕާޓީ"އަށް ވާތީ، އެ ސަބަބަށްޓަކައި، އެ ޕާޓީއާ ގުޅިގެން ތިބި މެންބަރުން، ޑީ.އާރު.ޕީިން ވަކިވެ، އަލަށް އުފެދޭ "މައުމޫން ޕާޓީ"އާ ގުޅޭނެއެވެ. މި ބަދަލާ ގުޅިގެން، ޑީ.އާރު.ޕީއަށް މެންބަރުންތަކެއް ގެއްލިގެންދާ ފަދައިން، ޑީ.އާރު.ޕީއާ ގުޅޭނެ މެންބަރުން ވެސް ވާނެއެވެ.
މައުމޫން އައު ޕާޓީއެއް އުފެއްދެވުމަކީ ގޮތުގައި ބަލާއިރު، ވަރަށް މުހިއްމު ކަމެކެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ސިޔާސީ ފިކުރު ހުރި ގޮތް ދަނެގަތުމަށްޓަކައި މުހިއްމު ފިޔަވަޅެކެވެ. އަދިވެސް މީހުން ބޭނުން ވަނީ މައުމޫނުގެ ފަހަތުގައި ތިބެންތޯ ނުވަތަ މައުމޫނުގެ ދައުރެއް ނުހިމެނޭ ގޮތަށް ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަން ކުރަންތޯ، މި ފިޔަވަޅުގެ ސަބަބުން އެނގިގެންދާނެއެވެ. މައުމޫނު އަލަށް އުފައްދަވާ ޕާޓީއާ ގުޅުމަށްޓަކައި ޑީ.އާރު.ޕީގެ މެންބަރުންގެ ތެރެއިން ގިނަ ބަޔަކު އެ ޕާޓީން ވަކި ނުވާ ކަމުގައި ވާ ނަމަ، އެއިން ދައްކައިދެނީ، ޑީ.އާރު.ޕީގެ މެންބަރުން އެ ޕާޓީގައި ތިބީ ވަކި މީހެއްގެ ވަށައިގެން އެ ޕާޓީ އެނބުރޭތީ ނޫންކަމެވެ. އެހެން ނަމަވެސް ޑީ.އާރު.ޕީން ގިނަ ބަޔަކު ވަކިވެ، އެ ޕާޓީއަކީ ވެސް ފަސް އަދަދުން ދަށުގެ ޕާޓީއެއް ކަމުގައި ވެއްޖެ ނަމަ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ކުރީގެ ރައީސް މައުމޫނަށް އަދި ވެސް ފުރުސަތު އޮތް ކަން ސާބިތުވެގެންދާނެއެވެ. ގައުމުގެ ހަގީގީ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިގެންދާނެއެވެ. ކަންތައްތައް މި ގޮތަށް ހިނގައްޖެ ނަމަ ފަހަރެއްގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، މައުމޫން ފެނުމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ.