ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސިއްހީ ހާލަަތު ގޯސްވެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުގައި އިންނަވަނިކޮށް ފަނޑިޔާރު އަލީ ހަމީދު ނޭވާ ހާސްވެ އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ރޭ 7:30 ހާއިރު އެވެ.

އައިޖީއެމްއެޗުން ބުނީ ފަރުވާ ދިނުމަށް ފަހު މިހާރު ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލާފައިވާ ކަމަށެވެ.

މިއީ ސިއްހީ ހާލަތު ގޯސްވެ ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ އެޑްމިޓް ކުރީ ހައްޔަރު ކުރިތާ ކައިރީގަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ހުކުމް އިއްވުމަށް ރޭ ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީސް ކެންސަލް ކުރީ އަލީ ހަމީދުގެ ސިއްހީ ހާލަތު ގޯސްވުމުންނެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރާ އެ މައްސަލައިގެ ހުކުމް ކުރުން މިއަދު ދޭއް ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ.