މިއަދަކީ ކުޑަ ކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ. އެގޮތުން މިދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި ވެސް ކުލަގަދަ ގޮތެއްގައި އަންނަނީ ފާހަގަކުރަމުންނެވެ.

ކުޑަކުދިންގެ ދުވަހާ ގުޅޭ ގޮތުން ރާއްޖޭގެ ސްކޫލުތައް އެކި ގޮތަށް ޒީނަތްތެރިކޮށްފައިވާ އިރު ސްކޫލުތަކުން ކުޑަކުދިންނަށް އަމާޒުކޮށްގެން އަންނަނީ އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.

މިއަދުގެ ހަރަކާތްތައް ގިނަ ސްކޫލުތަކުން ފެށީ ހާއްސަ އެސެންބްލީ އަކާ އެކުގަ އެވެ. އެކި ސްކޫލުތަކުގެ ދަރިވަރުން އެކި "ތީމް" އަށް ހެދުން އަޅާފައިވާ އިރު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ސްކޫލުތަކުގައި އަންނަނީ ބާއްވަމުންނެވެ.

ސްކޫލުތަކުން ބުނީ މިއަދު ހުރިހާ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެފައި ވަނީ ކުލަހެދުމުގައި ކަމަށާއި އެ ކުދިންނަށް ޓަކައި ވަރަށް ހާއްސަ އައިޓަމްތަކެއް ރާވާފައިވާ ކަމަށެވެ.

ބައެއް ސްކޫލުތަކުގައި ސްޓޭޖް ޝޯ، ޑިނާ ނައިޓް ބާއްވާއިރު އަނެއް ބައި ސްކޫލުތަކުގައި އަންނަނީ ކުރީގެ ކުޅިވަރުތައް ކުޅެމުންނެވެ. އޭގެ ތެރޭގައި ފަސް އޮށް، އޮށްވަޅުގޮނޑި ހިމެނެ އެވެ. ހަމައެއާ އެކު ބައެއް ސްކޫލުތަކުގައި މޫދު ކުޅިވަރު ކަހަލަ ކުޅިވަރުތައް އަންނަނީ ކުޅެމުންނެވެ.

"މިއަދަކީ އެ ކުދިންގެ ދުވަސް. ސްޓޭޖް ޝޯތަކެއް އޮންނާނެ. ވަރަށް ހާއްސަ ސަޕްރައިޒްތަކެއް ވެސް އޮންނާނެ. މާހެފުން ވެސް އޮންނާނެ،" ސްކޫލެއްގެ ލީޑިން ޓީޗަރެއް ބުންޏެވެ.

ކްލާސް ޕާޓީތަކާއި މާހެފުން ސްކޫލުތަކުގައި އޮންނަ އިރު މިދުވަސް ވެގެންދާނީ ކުޑަކުދިންގެ ތުންފަތް މައްޗަށް ހިނިތުންވުން ގެންނާނެ ދުވަހަކަށެވެ.