ވޮޝިންޓަން (މޭ 10): އުތުރު ކޮރެއާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ތިން މީހުން ދޫކޮށްލައިފި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

އެތިން މީހުން ދޫކޮށްލީ މި މަހު ނުވަތަ އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ލީޑަރު ކިމް ޖޮންގް އުން އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުމާ ދިމާކޮށެވެ. އެބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އުތުރު ކޮރެއާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ.

އަދި އުތުރު ކޮރެއާ އިން ދޫކޮށްލި އެމެރިކާ މީހުން އެނބުރި ގައުމަށް ދާނީ މިއަދު ޕޮމްޕިއޯއާ އެއްކޮށް ކަމަށާއި އެތިން މީހުންގެ ހާލު ރަނގަޅު ކަމަށް ރައީސް ޓްރަމްޕް ޓުވީޓު ކުރެއްވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ލީޑަރު ކިމްއާ އެކު ބައްދަލުވުން ބާއްވާނެ ތަނަކާއި ދުވަހެއް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ފާއިތުވި ހަ ހަފްތާ ތެރޭ ދެފަހަރެއްގެ މަތިން އުތުރު ކޮރެއާއަށް ދަތުރު ކުރައްވާފައިވާ ޕޮމްޕިއޯ ވަނީ ލީޑަރު ކިމްއާ އެކު ބޭއްވި ކާމިޔާބު ބައްދަލުވުންތަކަށް ފަހު އެމެރިކާގެ ރައްޔިތުން އެނބުރި ގައުމަށް ގެންދެވޭތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު އުތުރު ކޮރެއާ އިން ހައްޔަރު ކުރި ޓޯނީ ކިމް އާއި ކިމް ހަކް ސޮންގް އާއި 2015 ވަނަ އަހަރު ހައްޔަރު ކުރި ކިމް ޑޮންގް ޗުލް ދޫކޮށްލުމަށް އެމެރިކާ އިން ވަނީ މީގެ ކުރިން ތަކުރާރުކޮށް ގޮވާލައިފަ އެވެ. ކޮރެއަން-އެމެރިކަން ނަސްލުގެ އެތިން މީހުން ހައްޔަރު ކުރީ ދައުލަތާ ދެކޮޅު ކަންތައްތަކެއް ކުރުމުގެ ތުހުމަތުގަ އެވެ.

މީގެ ކުރިން ދެހާސްސޯޅަ ވަނަ އަހަރު އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ އޮޓޯ ވާމްބިއާ އެއް އަހަރު ފަހުން ގައުމަށް ފޮނުވާލި އިރު އޭނާ އޮތީ ކޯމާއެއްގަ އެވެ. އަދި އޭގެ ހަފްތާއެއް ފަހުން ވާމްބިއާ ވަނީ މަރުވެފަ އެވެ. (ބީބީސީ)