10 May 2018, 09:15
ކުއާލަލަމްޕޫރު(މޭ 10): މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ ތަރައްގީގެ ބާނީ މަހާތީރު ބިން މުހައްމަދުގެ ކޯލިޝަނުން އެގައުމުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކޮށްފި އެވެ.
މެލޭޝިޔާގެ އިލެކްޝަން ކޮމިޝަނުންބުނީ އިދިކޮޅު މަހާތީރުގެ ކޯލިޝަނުން ޕާލަމެންޓުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބުކޮށްފައިވާތީ އިންތިޚާބުގައި ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދީ އެކޯލިޝަނުން ކަމުގަ އެވެ. މިއާ އެކު މެލޭޝިޔާގެ މުއްދަތު ހަމަވެފައިވާ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އުމްނޯ)ގެ 61 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ.
ނަވާރަސަތޭކަ ފަންސާސް ހަތް ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މެލޭޝިޔާއަށް މިނިވަންކަން ލިބުނީއްސުރެ މެލޭޝިއާގައި ވެރިކަން ކުރަމުން ގެންދަނީ އުމްނޯ އިންނެވެ. ކުރިން މަހާތީރު 22 އަހަރުވަންދެން މެލޭޝިޔާގައި ވެރިކަން ކުރެއްވީ ވެސް އުމްނޯގެ ފަރާތުން އިންތިޚާބަށް ކުރިމަތި ލައްވައިގެންނެވެ.
ސިޔާސީ ހަޔާތުން އަމިއްލައަށް މުސްކުޅިވެ ވަޑައިގެންނެވުމުގެ ކުރިން މަހާތީރަކީ އުމްނޯގެ ރައީސް ވެސް މެ އެވެ. ނަމަވެސް ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތު ކުރެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން މަހަތީރު ވަނީ އުމްނޯ އިން ވަކިވެވަޑައިގެން ނަޖީބު ބަލިކުރުމަށް ޓަކައި އަލުން ސިޔާސީ މައިދާނަށް ނުކުންނަވައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނަޖީބު ރައްޒާގުގެ އުމްނޯ ކޯލިޝަނަށް ލިބިފައި ވަނީ ޕާލަމެންޓްގެ 76 ގޮނޑި އެވެ. މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުގެ މި ކާމިޔާބީއާ ގުޅިގެން އޭނާ މިއަދު މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަކީ ވެސް އެކަށީގެންވާކަމެކެވެ.
މެލޭޝިޔާގެ މިފަހަރުގެ އިންތިޚާބުގައި ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އެގައުމުގެ އިންވެސްޓްމަންޓް ބޭންކް އެމްބީޑީ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ޖަމާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. މިކަން ސާބިތު ނުވިނަމަވެސް މެލޭޝިޔާގެ ވަރަށް ގިނަ ބަޔަކު މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެ އެވެ. އެމައްސަލަ ތަހްގީގްކުރި އެވެ. ނަމަވެސް ކޯޓުން ނިންމީ އެ 700 މިލިޔަން ޑޮލަރަކީ ސައޫދީ ރަސްގެފާނު ނަޖީބަށް ހަދިޔާއަކަށް ދެއްވި އެއްޗެއްކަމުގަ އެވެ.
އެމްބީޑީގެ ކޮރަޕްޝަނުގައި ގާތްގަނޑަކަށް ހަތަރު ބިލިޔަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށާއި މިއީ މެލޭޝިޔާގެ ތާރީޚުގައި ހިނގި ކޮރަޕްޝަނުގެ އެންމެ ބޮޑު އަމަލުކަމަށް ވަނީ ސިފަކުރެވިފަ އެވެ.
އުމުރުފުޅުން 92 އަހަރުގެ މަހާތީރު އަލުން މެލޭޝިޔާގެ ވެރިކަމަށް ވަޑައިގަތުމުން އެގައުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ތޭރޭގައި މިހާރު ޖަލުގައި ހުންނެވި މަހާތީރުގެ ކުރީގެ ދުޝްމަން އަދި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމަށް މަޢާފް ދިނުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)