10 May 2018, 09:09
ބޮލީވުޑްގެ ކާމިޔާބު، ޑިމާންޑިން ބަތަލާ ދީޕިކާ ޕަދުކޯން އާ އެކީ ފިލްމެއްގެ މަސައްކަތް ކުރަން ލިބިއްޖެނަމަ ބޭނުން ހިފާނެ ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.
ދީޕިކާއާއި ކެޓްރީނާއަކީ ވެސް ބޮލީވުޑްގެ ބަތަލު ރަންބީރު ކަޕޫރުގެ ކުރީގެ ދެ ލޯބިވެރިންނެވެ. އެ ސަބަބާ ހުރެ ދެ ތަރިން ހިތުގައި ކޮންމެވެސް ކަހަލަ ހަސަދައެއް އޮންނާނެ ކަމަށް ގިނަ ބަޔަކު އައީ ގަބޫލުކުރަމުންނެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައ ކެޓްރީނާ ބުނީ ދީޕިކާއާ އެކީ މަސައްކަތް ކުރަން ފަސްނުޖެހޭ ކަމަށާއި އޭނާ އާ އެކީ މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ ބޭނުން ހިފާނަން،"
ކެޓްރީނާ ބުނީ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ގާތު ދެ ތަރިންގެ އެކުވެރިން ދައްކުވައިދޭ ފިލްމެއް ހެދުމަށް ވަރަށް ގިނައިން ކިޔާ ކަމަށެވެ.
ރަންބީރު ކެޓްރީނާ އާ ލޯބީގެ ގޮތުން ގުޅިފައިވަނީ ދީޕިކާއާ ރަންބީރު ސީރިއަސް ގުޅުމެއް ބާއްވަމުން އަންނަނިކޮށެވެ. އޭރު ކެޓްރީނާ އުޅެނީ ބަތަލު ސަލްމާން އާ ރައްޓެހިވެގެންނެވެ.