މެލޭޝިއާގެ އާންމު އިންތިހާބުގެ ސިމްޕަލް މެޖޯރިޓީ ކާމިޔާބު ކުރެވިއްޖެކަމަށް އިދިކޮޅު ލިޑަރު އަދި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އާންމު އިންތިހާބު މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ސަރުކާރު އެކުލަވާލަން ބޭނުންވާ 112 ގޮނޑި ޕަކަޓާން ހަރަޕަންއަށް ކާމިޔާބު ވެފައިވާކަމަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ މަހާތީރު ވިދާޅުވިއެވެ.

ނަމަވެސް މި ނަތީޖާ އެގައުމުގެ އިންތިހާބާ ބެހޭ ކޮމިޝަނުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މަހާތީރު ވިދާޅުވީ މިހާރު އެގައުމުގެ ވެރިކަން ކުރާ ރީސާން ނެޝަނަލް އަށް ޕަކަޓާން ހަރަޕަން އާ އެއްވަރު ނުކުރެވޭނެ ކަމަށެވެ.

ސްޓޭޓް އެސެމްބްލީތަކުގެ ތެރެއިން ހަ އެސެމްބްލީއެއްގެ އަޣުލަބިއްޔަތުވެސް ލިބިފައިވާކަމަށް މަހާތީރު ވިދާޅުވިއެވެ.

އިންތިހާބުގައި މަހާތީރުގެ ޕާޓީ ވާދަކުރެއްވީ މިހާރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ޕާޓީ އާއެވެ.

މަހާތީރް ވިދާޅުވީ އިލެކްޝަންސް އިން ނަތީޖާ އިއުލާނު ނުކޮށް ހިފަހައްޓާފައިވާ ކަަމެވެ.

މެލޭޝިއާ ގަޑިން މިއަދު ހެނދުނު އަށެއްޖަހާއިރު ފެށި އިންތިހާބުގެ ތެރެއިން ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ. ހަބަރުތައް ބުނާގޮތުން ކުރިއަށް އޮތް ދެތިން ގަޑިއިރު ތެރޭ ރަސްމީ ނަތީޖާ އިއުލާނު ކުރާނެއެވެ.

މެލޭޝިއާގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 14.4 މިލިއަން މީހުންނަށް ލިބުނެވެ.