ވަތަނިއްޔާ އާއި އެންއެސްއޭ ގުޅިގެން ބޭއްވި ރަމަޟާން ވޮލީ މުބާރާތާއި ފިތުރު އީދު ބީޗް ވޮލީ މުބާރާތް ނިމިއްޖެ އެވެ.

ރަމަޟާން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބު ގެންދިޔައިރު، ފިތުރު އީދު ބީޗް ވޮލީބޯޅަ މުބާރާތް ކާމިޔާބުކުރީ މުމްތާޒް އަލީ އާއި ނިހާދު މުހައްމަދު ހިމެނޭ ޓީމެވެ.

ރަމަޟާން މަހުގެ 2 ން 20 އަށް ބޭއްވި ވޮލީ މުބާރާތުގައި ހަ ޓީމު ބައިވެރި ވެފައި ވެއެވެ. އެއީ ކުޑަ ހެންވޭރާއި، ސްޓޭޑިއަމް ޓީމާއި، ޕޮލިސް ޓީމާއި، ސިފައިންގެ ޓީމާއި ވީއާރް 1 އަދި ކުލަބް ޕީކޭ އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ނެވެ.

އިއްޔެ ނިމިގެންދިޔަ ފިތުރު އީދު ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލު މެޗުން މުމްތާޒް އާއި ނިހާދު ހިމެނޭ ޓީމު މޮޅުވީ ހުސެއިން ފާރިޝް އާއި އަލީ ނާފިޒު ހިމެނޭ ޓީމާއި ވާދަކޮށް 2-1 ސެޓުންނެވެ. މިމުބާރާތުގެ ތިންވަނައަށް ގޮސްފައިވަނީ ޝާމިލް އާދަމް އާއި އަލީ އަކްބަރު ހިމެނޭ ޓީމެވެ.

މުބާރާތުން ވަނަތައް ހާސިލުކުރި ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާއި މެޑަލް ހަވާލުކުރީ ކުރީގެ އެންއެސްއޭ ދަރިވަރެއް ކަމަށްވާ މުޙައްމަދު ނަދީމް އެވެ.