09 May 2018, 21:02
މި ސީޒަން ނިމުމާއެކު ސްޕެއިންގެ ލީގު ޗެމްޕިއަން ބާސެލޯނާއިން ގިނަ ކުޅުންތެރީންތަކެއް ދޫކޮށްލަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސްޕެނިޝް ލީގުގައި ބާސާއަށް ބާކީ ތިން މެޗު އޮތް އިރު އެޓީމުން މިހާރުވެސް ވަނީ، ލީގު ކަށަވަރުކޮށްފައެވެ. އަދި ބާކީ އޮތް ތިން މެޗުން ބަލިނުވެއްޖެ ނަމަ، މި ސީޒަންގައި އެއްވެސް ލީގު މެޗަކުން ބަލިނުވެ ސީޒަން ފުރިހަމަ ކުރުމުގެ ފުރުސަތު އެޓީމަށް އެބަ އޮތެވެ.
މި ސީޒަންގެ ކޮޕަ ޑެލްރޭވެސް ކާމިޔާބުކޮށްފައިވާ ބާސާއަށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލާ ހިސާބުން އެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހުމުން ބާސާގެ ކޯޗު އާރނެސްޓޯ ވަލްވާޑޭ ވަނީ، ޓީމު އިތުރަށް ވަރުގަދަކުރުމަށް އަޒުމު ހިފައިފައެވެ.
އެތުލެޓިކޯ މެޑްރިޑްގެ ފްރެންޗް ފޯވާޑް އެންޓޮއިން ގްރީޒްމަންއަށް ބާސާއިން ފާރަލަމުންދާއިރު އޭނާގެ ރިލީޒް ހޯދުމަށް ދައްކަން ޖެހޭ ބޮޑު ހޭދަ ކުރެވެން އޮތީ ޓީމުން ބައެއް ކުޅުންތެރީން ދޫކޮށްލައިގެންނެވެ. ސްޕެއިންގެ ބައެއް ނޫސްތަކުން ބުނެފައިވާގޮތުން، ބާސާއިން މިހާރު ވަނީ، ދޫކޮށްލާނޭ ކުޅުންތެރީން ނިންމައިފައެވެ. އޭގެ ތެރޭގައި ލޫކަސް ޑިނިއާ، އަންދްރޭ ގޮމޭޒް، ޕަކޯ އަލްކަސޭރާ، ޑެނިސް ސުއަރޭޒް، އެލީޒް ވިދާލް ހިނެއެވެ.
މީގެ އިތުރުން ބައެއް ކްލަބުތަކަށް ލޯނު އުސޫލުން ދޫކޮށްފައިވާ ކުޅުންތެރީން ކަމަށްވާ، ރަފިންހާ (އިންޓަ)، މުނީރު އަލް ހަދީދީ (އަލަވޭސް)، އަދި ޖެރާޑް ޑެލޮފޭ (ވޮޓްފޯޑް)، މި ކުޅުންތެރީން ދާއިމީކޮށް ދޫކޮށްލާނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.