09 May 2018, 21:01
ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ ގައިގައި ޖެހުމުން ބާސެލޯނާގެ ސާޖިއޯ ރޮބާޓޯ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ރެއާލްއާއި ބާސާ ވާދަކުރި އެލް ކްލެސިކޯ މެޗުގައި ސާޖިއޯ ރޮބާޓޯ، މާސެލޯ ގައިގައި ޖެހުމުން ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ.
ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލް ކްލެސިކޯގައި ރެފްރީކަން ކުރި ހެނާންޑޭޒް ހެނާންޑޭޒްގެ ރިޕޯޓުގައި ވާގޮތުން ސާޖިއޯ ރޮބާޓޯ ވަނީ ބޯޅަ ނެތި ކުޅުންތެރިއަކަށް ބާރުގެ ބޭނުންކޮށް ހަމަލާ ދީފައި ކަމަށާއި، ހަތަރު މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން ސާޖިއޯ ރޮބާޓޯ 3005 ޔޫރޯއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ބާސާވެސް 1400 ޑޮލަރުން ޖޫރިމަނާ ކުރަން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނުން ވަނީ ނިންމައިފައެވެ.
ހަތަރު މެޗަށް ސަސްޕެންޑް ކުރުމާ ގުޅިގެން މި ސީޒަންގައި ބާސާއަށް ބާކީ އޮތް ތިން މެޗުގެ އިތުރުން އަނެއް ސީޒަން ފެށުމުގެ ގޮތުން ބާސާއާއި ސެވިއްޔާ ވާދަކުރާ ސުޕަ ކަޕްގެ ފުރަތަމަ ލެގުވެސް ސާޖިއޯ ރޮބާޓޯއަށް ގެއްލޭނެއެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ސާޖިއޯ ރޮބާޓޯގެ ސަސްޕެންޝަނުގެ މުއްދަތު ކުޑަކުރުމަށް ހުށައަޅަން ބާސާއިން ތައްޔާރުވާ ކަމަށެވެ.
ކްލެސިކޯ މެޗަށް ނުކުތް އިރުވެސް ބާސާއަށް ލީގު ޔަގީން ވެފައި އޮތް އިރު، އާނަސްޓޭ ވަލްވާޑޭއާއެކު މި ސީޒަންގައި ބާސާ ކުޅުނު އެއްވެސް ލީގު މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން ބަލިނުވެ އޮތް ބާސާއަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު، މެޗަކުން ބަލިވެ ސީޒަން ނިންމާލައިފިނަމަ ބާސާ ވެގެންދާނީ ބަލިނުވެ ސްޕެނިޝް ލީގު ނެގި ހަމައެކަނި ޓީމަށެވެ.