ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްގެން މެންބަރުންނަށް ދޭން ކަނޑައަޅާފައިވާ 20،000ރ. ގެ ކޮމެޓީ އެލަވަންސް މެންބަރުންނަށް ދޫނުކޮށް ހިފެހެއްޓުމަށް ބަޔަކު ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒަށް މިއަދު ދަންނަވައިފި އެވެ.

އާންމު ބައެއް ރައްޔިތުން ގުޅިގެން އިނާޒަށް ފޮނުވި ސިޓީގައި ބުނަނީ ގައުމުގެ އިގުތިސާދީ ހާލަތު ހުރިގޮތުން ދެވެން ނެތް ކަމަށް ވިދާޅުވެ ސިވިލް ސާވެންޓުންގެ މުސާރައާއި މަސްވެރިންގެ ސަބްސިޑީ ވެސް ހިފަހައްޓާފައިވާ ގޮތަށް މެންބަރުންގެ ކޮމެޓީ އެލަވަންސް ވެސް ދޫނުކޮށް ހިފަހައްޓަން ޖެހޭ ކަމަށެވެ.

"... ކޯޓުގެ ހުކުމަކުން ދޫކުރުމަށް އަންގާފައިވާ އެހެން ބައެއް ފައިސާ ވެސް ތިޔަ މިނިސްޓްރީގެ ފަރާތުން ދޫނުކުރައްވައި ހިފަހައްޓާފައިވާ ކަމަށެވެ. މިސާލަކަށް، ސިވިލް ސާވެންޓުގެ މުސާރައަށް އިތުރުކުރި ބައި އަދި މަސްވެރިންނަށް ދޭން ކަނޑައަޅާފައިވާ ސަބްސިޑީ ހިމެނެ އެވެ. މިފައިސާ ގައުމުގެ އިގުތިސޯދީ ހާލަތުގެ ސަބަބުން ދެވެން ނެތް ކަމަށް ވިދާޅުވެފައި މަޖިލިސް މެންބަރުންނަށް އެލަވަންސް ދޫކުރައްވައިފި ނަމަ އެކަން ބެލިގެން ދާނީ ދެރަ މީހާއަށް ދެރަގޮތް ހަދައި ބާރުގަދަ މީހާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމުގެ މިސާލަކަށެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ އާއި ފިނޭންސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި ސީނިއާ ބައެއް އޮފިޝަލުން ވެސް ވަނީ އެ ސޮޓީގައި ސޮއިކުރައްވައިފަ އެވެ.

މެންބަރުންގެ ކޮމެޓީ މަސައްކަތަކީ މެންބަރުންގެ ވަޒީފާގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެކަމަށް މެންބަރުންނަށް އިތުރު އުޖޫރައެއް ދޭން ނުޖެހޭ ކަމަށާއި އެއީ މެންބަރުންނަށް ހައްގު އެއްޗެއް ނޫން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

"... މިހާރުވެސް މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ އުޖޫރައެއްގެ ގޮތުން ދިވެހިރާއްޖޭގެ ނިސްބަތުން ބޮޑު މުސާރައެއް ދޭގޮތަށް ހަމަޖެހިފައި ވުމާއި އެކުގައި، ކޮމެޓީގެ މަސައްކަތަކީ މެންބަރުންގެ މަސައްކަތުގެ އަދި ވަޒީފާގެ އެއްބައި ކަމުގައި ހިމެނޭތީ އެވެ،" އެ ސިޓީ ބުނެ އެވެ.

ބައެއް މެންބަރުން ކޮމެޓީ އެލަވަންސް އެ ދާއިރާގެ ރައްޔިތުންނަށް ހޭދަކުރުމަށް ނިންމާފައިވާ ނިންމުމަށް ވެސް ވަނީ އެ ސިޓީގައި ފާޑު ކިޔާފަ އެވެ. އެގޮތުން ބުނަނީ "އެލަވަންސް ބަހާލުމުން އެއީ ބާރާއި ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ކަމަށްވާތީ އެވެ. އަދި އެ ފައިސާ ބަހާލުމުން އެމެންބަރަށް އެ ލިބެނީ ދެން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަކަށް ވެސް ނުފޫޒު ފޯރުވުމުގެ ފުރުސަތަކަށް" ކަމަށެވެ.

އެއް ސޮފްހާގެ އެ ސިޓީ ނިންމާލަމުން ބުނެފައި ވަނީ "އަޅުގަނޑު އުންމީދު ކުރަނީ ކަނޑައެޅިގެން ރިޝްވަތުގެ އަމަލެއް ކަމުގައި ހިމެނޭނެ ކަމަކަށް މަނިކުފާނު ހިތްވަރު ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި ހޯދުމަށް ވެސް މަނިކުފާނު ތާއިދު ނުކުރައްވާނެ ކަމަށެވެ. އަޅުގަނޑުގެ އިލްތިމާސަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސްގެ ފައިސާ ތިޔަ މިނިސްޓްރީގެ ފަރާތުން ދޫނުކުރެއްވުމެވެ."

ކޮމިޓީ އެލަވަންސް ހިފެހެއްޓުމުގެ މައްސަލާގައި ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުން ދެވަނަ ވިސްނެވުމަކަށް ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެ އެލަވަން ހިފަހައްޓާނެތޯ ނޫންތޯ ވިދާޅުވެފައެއް ނުވެ އެވެ.