09 May 2018, 20:01
އެސޯސިއޭޝަން އޮފް ސައިންޓިސްޓް ޑިވެލޮޕާ އެންޑް ފެކަލްޓީސް (އޭއެސްޑީއެފް) ގެ ދެކުނު އޭޝިއާގެ ޗެޕްޓާގައި ރާއްޖެއިން ރަޖިސްޓްރީ ވެއްޖެއެވެ.
މިއަދު ހަވީރު އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އޭއެސްޑީއެފްގެ މެމްބަރަކަށް ރާއްޖެވި ކަމުގެ ލިޔުމާ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ވަނީ ހަވާލުވެލައްވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އެ ކޮލެޖުގެ ޗެއާމަން މުޝްތާގު ވިދާޅުވީ އޭއެސްޑީއެފްގެ މެމްބަރަކަށް ރާއްޖޭގެ ކޮންމެ ބޭފުޅަކަށް ވެސް މިހާރު ވެވޭނެ ކަމަށެވެ.
"އޭއެސްޑީއެފްގެ މެމްބަރަކަށްވާން ބޭނުމިއްޔާ އޭއެސްޑީއެފްގެ ވެބްސައިޓަަށް ވަޑައިގެން ލޮގިން ވެފަ އޭއެސްޑީއެފްގެ މެމްބަރަކަށް ވުމުގެ ފުރުސަތު އެބައޮތް ހުޅުވާލެވިފައި،" މުޝްތާގު ވިދާޅުވިއެވެ.
މުޝްތާގު ވިދާޅުވީ އޭއެސްޑީއެފްގެ މެމްބަރަކަށް ވުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ އިންޑަސްޓްރީއެއްގެ ކޮންމެ ބޭފުޅަކަށް ވެސް އެބަ އޮތް ކަމަށާއި އެހެންކަމުން ރާއްޖޭގެ ސްކޫލުތަކުގެ އިސްވެރިންނާއި، ސްކޫލުތަކުގެ ޓީޗަރުން، އަދި ހަމައެހެންމެ ޔުނިވާސިޓީތަކުގައި މަސައްކަތްކުރައްވާ ޓިޗަރުންނާއި އަދި ކޮލެޖުތަކުގައި މަސައްކަތްކުރައްވާ ޓީޗަރުންނާއި ލެކްޗަރުން އޭގެ ބޭނުން ފުރިހަމައަށް ހިފުމަށް މުޝްތާގު ވަނީ އިލްތިމާސްކުރައްވައިފައެވެ.
އޭއެސްޑީއެފްގެ މެމްބަރަކަށްވުމުން ސައިންޓިސްޓަކަށް ވާން ބޭނުންވާ ފަރާތްތަކަށް އޭއެސްޑީއެފްއާ ގުޅިގެން ކުރިއަށް ދިއުމުގެ މަގު މިހާރު ހުޅުވިފައިވާ ކަމަށް ވެސް މުޝްތާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭއެސްޑީއެފްގެ މެމްބަރަކަށް ވެގެން އެ ޖަމިއްޔާގެ ގްލޯބަލް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ދުނިޔޭގެ އެކިތަންތަކުގެ މަސައްކަތެރިންނަށް އޭއެސްޑީއެފް އިން ދޭ ބެސްޓް އެކަޑެމިކް ޗެއާމަންގެ އެވޯޑް މުޝްތާގު މިއަހަރު ވަނީ ހާސިލްކުރައްވައިފައެވެ.
އޭއެސްޑީއެފް އިން ދުނިޔޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދަނީ އެވޯޑްތައް ދެމުންނެވެ.