އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތަކުން ކަސްޓަމަރުންނަށް ޚިދުމަތްދޭނެ ވަގުތުތައް އިތުރުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މާލޭގައި ހުންނަ އެ ބޭންކުގެ ބްރާންޗުތަކުން ރޯދަ މަހު ޚިދުމަތްދޭނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ. އެހެން ބްރާންޗްތަކުން ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 1:00 އަށް ޚިދުމަތްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ކޮންޓެކްޓް ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އެގޮތުން ބޭންކުން ގާއިމުކޮށްފައިވާ 35 ސެލްފް ސާވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ޑިޕޮސިޓް ކުރުމާއި، ފައިސާ ނެގުން އަދި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު ލިބޭނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާންމަހު ލިބޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު ކަމަށާއި ރޯދަމަހު މާލޭގެ ބްރާންޗުތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް ރަމަޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ކަމަށެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 35 ސެލްފް ސާވިސް ބޭންކިންގ ސެންޓަރތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ޚިދުމަތް ހޯދޭނެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ،" ނިމާލް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލް އިން 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިންގ ސެންޓަރު، 95 އޭޓީއެމް، 5000 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުންޏެވެ.