އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ 26 ޕަސެންޓް ދަށްވެ، 40،941 ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމްޓީޑީސީން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 4.4 މިލިއަން ޑޮލަރެވެ. ނަމަވެސް 2016 ވަނަ އަހަރު އެކުންފުންޏަށް ލިބުނީ ހަ މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާއެއް ލިބިފައެއް ނުވެއެވެ.

އަހަރީ ރިޕޯޓްގައި އެ ކުންފުނީގެ ޗެއާމަން އަލީ ނިޝާން ވިދާޅުވީ، 2017 ވަނަ އަހަރުގެ އާމްދަނީ ދަށްވެފައިވަނީ، 2016 ވަނަ އަހަރުގައި އެއްބަސްވުން އުވާލެވުނު ރަށްތަކަކީ ސަބްލީސް ކުލީގެ ގޮތުގައި އާމްދަނީ ނުލިބޭ ރަށްތަކަށް ވެފައި ސަރުކާރަށް ހެޑްލީސް ކުލި ދައްކަމުން ގެންދިޔަ ރަށްތަކެއްގެ ލީސް ހޯލްޑް ހައްގު ބާތިލްކުރުމުން ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރުގެ އާމްދަނީ 65 ޕަސެންޓް ދަށްކަމަށް އޭނާ ބުންޏެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރަކީ އެމްޓީޑީސީއަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އަހަރެއް ކަމަށެވެ. އަދި ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެވޭނެ ގޮތްތަކެއް ކޮންމެހެން ވެސް ހޯދަން ޖެހިފައިވާކަމަށްވެސް އޭނާ ބުންޏެވެ.